ސިޓީން ނޯވޭގެ "ވޮންޑާ ކިޑް" ނީޕާން ގަތުމާ ގާތަށް ސިޓީން ނޯވޭގެ "ވޮންޑާ ކިޑް" ނީޕާން ގަތުމާ ގާތަށް

މެންޗެސްޓާ (ޖޫން 12) - މެންޗެސްޓާ ސިޓީން މި ވަގުތު ދުނިޔޭގެ ފުޓްބޯޅާގައި އަރަމުން އަންނަ އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު, ނޯވޭގެ ސްވޭރޭ ނީޕާން ގަތުމާ ގާތަށް ޖެހިލައިފި އެވެ.
އިނގިރޭސި މީޑިއާ "ދި އެޓްލެޓިކް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނީޕާން، 18، ގަތުމަށް ނޯވޭގެ ރޮސެންބާގާ އެކު އެއްބަސްވުމަކަށް އައުމާ މިހާރު ވަނީ ގާތް ވެފަ އެވެ. ނީޕާންއާ އެކު ވެސް ސިޓީން ދަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އޭނާއާއެކު ސިޓީން މިހާތަނަށް ޕާސަނަލް ޓާމްސް އެއްބަސްވެފައެއް ނުވެ އެވެ.
މި ޓްރާންސްފާ ވެގެންދާނީ ނޯވޭ ލީގުގެ ރެކޯޑަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިހާތަނަށް އެ ލީގުން އެންމެ އަގުބޮޑުކޮށް ކުޅުންތެރިޔަކު ގެންގޮސްފައިވަނީ 13 މިލިއަން ޑޮލަރަށެވެ.
ރޮސެންބާގަށް ކުޅުނު 70 މެޗުގައި ނީޕާން ވަނީ 14 ގޯލް ޖަހައި 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިޑްފީލްޑުގެ އިތުރުން ފޯވާޑު ލައިނުގެ އެކި ޕޮޒިޝަންތަކަށް ވެސް ނީޕާން ކުޅެ އެވެ.
ސިޓީން މި އަހަރުގެ ހޫނު މޫސުމުގައި ނީޕާން ގަތަސް އޭނާގެ ފުރަތަމަ ސީޒަން ހޭދަކުރާނީ ލޯނު އެެއްބަސްވުމެއްގެ ދަށުން އެހެން ޓީމެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ، އޭނާގެ ޔޫޓިއުބް ޗެނަލްގައި ބުނެފައިވާ ގޮތުން ނީޕާން ލޯނުގެ ދަށުން ދާނީ ސިޓީ ގްރޫޕުގެ ދަށުން ހިންގާ ސްޕެއިންގެ ޖިރޯނާ އަށެވެ.
ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، އިނގިރޭސި ގިނަ ކްލަބްތަކުން ނީޕާން ގަތުމަށް މަސައްކަތް ކުރި އެވެ. އެގޮތުން ނީޕާން ވަނީ ލަންޑަނަށް ގޮސް އާސެނަލް އާ ބައްދަލުކޮށްފަ އެވެ. އަދި، އެސްޓަން ވިލާއިން ނޯވޭ އަށް ގޮސް އޭނާ އާ ބައްދަލުކުރި އެވެ. ނަމަވެސް އޭރު އޭނާ ނިންމީ ސީޒަން ނިމެންދެން ރޮސެންބާގުގައި މަޑުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ