އަޒާނާ ދެކޮޅަށް އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގާ ދެކޮޅަށް އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފިއެވެ. މި ބަޔާން ނެރެފައި ވަނީ، ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް މެންބަރު އަޒާން ވޯޓު ނުދެއްވުމުންނެވެ. ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީން ނެރުނު ބަޔާނުގައި ވަނީ، އަޒާން މަޖިލީހުގެ މެންބަރު ކަމަށް ހޮވުނީ، ސަރުކާރުގެ ފަރާތުން ވާދަކުރައްވައިގެން ކަމަށެވެ. އަދި ޕީއެންސީއަށް ނިސްބަތްވާ މެންވަރުންގެ ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަކީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއްކަމަށް މަޖިލީހުގައި ދައްކަން އަޒާން ބޭނުންވާކަމަށް އެ ބަޔާނުގައި ވެއެވެ. "އެހެންނަމަވެސް، އެ ނިންމުމާ ގުޅޭ އެއްވެސް ކަމެއް އަޅުގަނޑުމެންނާ މަޝްވަރާކޮށްފައެއް ނުވޭ،" އެ ބަޔާނުގައި ވެއެވެ. ޕާޓިގެ ވިޕްލައިނާ އެއްގޮތަށް މަޖިލިސް މެމްބަރުން ވޯޓުދޭންޖެހޭ ގޮތަށް ގެނައި ބަދަލަކީ އަޒާންގެ ވެސް ވޯޓާއެކު ފާސްކުރި ބަދަލެއް ނަމަވެސް، އެ ވިޕްލައިނާ އޭނާ ޚިލާފުވެފައި ވާކަމަށް އެ ބަޔަނުގައި ވެއެވެ. https://sun.mv/203076 "އަޅުގަނޑުމެން އުންމީދުކުރަނީ އިއްޒަތްތެރި މެންބަރު އަހްމަދު އަޒާން މަރުޒޫގް މިފަދަ އަމަލުތައް ތަކުރާރު ނުކުރާނެ ކަމަށް. އަދި ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށް" އެ ބަޔާނުގައި ވެއެވެ. މި ބަޔާނުގައި ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ފަރާތުން އަށް މެމްބަރުން ސޮއި ކުރައްވާފައި ވެއެވެ. އިއްޔެގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރާ ބިލަށް އަތްހިތްލައިގެން ވޯޓަށް އަހަމުން ދަނިކޮށް ވޯޓުގައި ބައިވެރިނުވެ އަޒާން ވަނީ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންފައެވެ. އެ ބިލު ބަލައިގަތުމާ މެދު އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެފައެއް ނުވެއެވެ. އެހެންވެ، ޕީއެންސީގެ މަޖިލީސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ އިއްޔެ ބޭރުކޮށްލައިފައެވެ. ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ނުދެއްވައި މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް ފަހު ނެރުއްވި ބަޔާނެއްގައި މެންބަރު އަޒާން ވިދާޅުވީ، އެ ބިލަށް ވޯޓު ނުދިނީ އެއީ ގާނޫނުއަސާސީ ފުށުއަރާ ބިލެއް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަދި، އެ ބިލަށް ވޯޓުނުދޭން ސަރުކާރުގައި ހިމެނޭ ވަޒީރު ބޭފުޅުން ވެސް އޭނާއަށް ލަފާދެއްވި ކަމަށް އަޒާން ވިދާޅުވިއެވެ. https://sun.mv/203062 އޭނާ ވިދާޅުވީ، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ވުރެ އެހެން އެއްވެސް މަސްލަހަތެއް އިސްނުކުރާނެ ކަމަށެވެ. ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައެވެ. ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރިއިރު ހެނދުނު 11:00އަށް އޮތީ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައެވެ. ނަމަވެސް، އެ އަޑުއެހުން ފަހުން ކެންސަލް ކުރިއެވެ. ޖޭއެސްސީން ބުނީ، ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުން އަންނާތީ ކަމަށެވެ. މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ޕާޓީ ވަކިކުރުމުން ވެސް ގޮނޑި ގެއްލޭގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެކަމަކު، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން އެ މައްސަލަ އޮތީ ހުއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ