އެއާ އިންޑިއާގެ ބޯޓު ވެއްޓުމާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައިފި

ޖުމުލަ 242 މީހުން ދަތުރުކުރި އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓު ވެއްޓުމާ ގުޅިެގން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާމަފާޅުކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިެގން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއީ ހިތްދަތި ވަގުތެއް ކަމަށެވެ. އަދި ރާއްޖެ އޮތީ އިންޑިއާއާ އެކުގައި ކަމަށް އެ ޕޯސްޓުގައި ވެއެވެ. https://x.com/MMuizzu/status/1933112916032766452 މި ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެއެވެ. ބޯޓު ވެއްޓުނު ސަރަހައްދުން ކަޅު ދުން އަރާތަން ފެންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. https://sun.mv/207213 މި ހާދިސާގައި ބޯޓުގައި ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަން ނުވަތަ މަރުވީ ކިތައް މީހުން ކަމެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަންނަނީކުރަމުންނެވެ. އޮންލައިން ފްލައިޓް ޓްރެކަރުން ދައްކާ ގޮތުގައި އެ ބޯޓަކީ އަހުމަދުއާބާދުގެ ސަރްދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދިއުމަށް އިންޑިއާ ގަޑިން މެންދުރު 1:10 ހާއިރު ނައްޓާލި ފްލައިޓެކެވެ. ބޯޓު ވެއްޓުމާ ގުޅިގެން އެމަޖެންސީ ޚިދުމަތްދެ އިދާރާތަކުން އެ ސަރަހައްދަށް ގޮސްފައިވާއިރު އޭގެ ތެރޭގައި ހަތް ފަޔާ އިންޖީނު ވެސް ހިމެނެއެވެ. އެ ބޯޓުގައި ގުޖުރާތުގެ ކުރީގެ ސީއެމް ވިޖޭ ރޫޕާނީ ހުރި ކަމަށް ބެލެވޭ ކަމަށް "ޓީވީ9"އިން ވަނީ ރިޕޯޓުކޮށްފައެވެ. ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ގުޖުރާތުގެ ޗީފް މިނިސްޓަރު، ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރާ ވާހަކަދައްކަވާފައެވެ. އަދި، މަރުކަޒީ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ