ފީ ނުދައްކައިގެން ފަތުރުރުވެރިންތަކެއް ރަށުން ބޭރުކުރަން އުޅުނުކަމަށް ބުނެ ބައެއް މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދިގުރަށު ކައުންސިލްގެ އިދާރާއިން ދޮފުކޮށްފިއެވެ.
ބައެއް މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އިއްޔެ ވަނީ ދިގުރަށު ކައުންސިލުން އެރަށު އަތިރިމަތީގައި މޫދަށް އެރިއުޅުނު ފަތުރުވެރިންތަކަކާ މުއާމަލާތްކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ދައުރުވެފައެވެ. އެ ވީޑިއޯއާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ބުނެފައިވަނީ ކައުންސިލުން މަސައްކަތްކުރީ ފީ ނުދައްކައި މޫދަށް އެރިއުޅުނު ފަތުރުވެރިންގެ ބަޔަކު ރަށުން ބޭރުކުރަން ކަމަށެވެ.
މިކަމާ ގުޅިގެން ދިގުރަށު ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދައުރުވަމުންދާ ވީޑިއޯއާ ގުޅުވައިގެން ބައެއް މީޑިއާތަކުގައި ފަތުރަމުންދަނީ ކަމުގެ ހަޤީޤަތް އޮޅުވާލައި އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ.
Advertisement
ދިގުރަށު ކައުންސިލުން ބުނީ ރަށުގެ ބަނދަރު ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް އިންޖީނުއެޅި އުޅަނދު ކައިރިކުރެވޭނެ ހަމަތަކަކާއި އުސޫލްތަކެއް އޮންނަކަމަށެވެ. އަދި ބީޗް ބޭނުންކުރުމުގައިވެސް އުސޫލްތަކެއް ގެންގުޅޭކަން ފާހަގަކުރަމުން ކައުންސިލުން ބުނެފައިވަނީ، ރަށުގެ އެކި ސަރަހައްދުތަކަށް ފައިބާ ފަތުރުވެރިން ނިވާކަންކުޑަ ހެދުމުގައި ތިބުމަކީ ދިގުރަށު ރައްޔިތުން ވަރަށް ކަންބޮޑުވާ އަދި ނުރުހޭ ކަމަކަށްވުމާއި، މިރަށަކީ މީހުން ދިރިއުޅޭރަށެއް ކަމުން، އެފަދަ ކަންކަން ބަލައި ހުއްޓުވުމަކީ ކައުންސިލުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ވީޑިއޯގައި ފެނިގެންދިޔަ ކަމަށްބުނާ ކަންކަމާ ގުޅޭގޮތުން ކައުްނސިލުން ބުނީ، އެންމެ ފުރަތަމަ މަސައްކަތްކުރީ އުސޫލާހިލާފަށް ދިގުރަށު އަތިރިމަތީ ސަރަހައްދަށް ކައިރިކުރި ޝެޑޯޕާމް މޯލްޑިވްސްގެ ލާންޗެއް އެސަރަހައްދުން ފޮނުވާލުމަށާއި، އެލާންޗުން ދަތުރުކުރި ފަތުރުވެރިން ނިވާކަން ކުޑަ ހެދުންތަކުގައި ތިބުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް ލާންޗްގެ ކުރޫއިންނަށް ނަސޭހަތްތެރި ވުމުން އެކަން އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. އަދި ފަތުރުވެރިންނާ މުއާމަލާތްކޮށްފައިވާނީ، ނިވާކަން ކުޑަ ހެދުމުގައި މޫދަށް އެރުމަކީ މަނާކަމެއްކަމަށް އަންގައިދޭންކަމަށާއި، ފަތުރުވެރިން ރަށުން ބޭރުކުރުމާ ގުޅޭގޮތުން އެފަރާތްތަކާ މުއާމަލާތްކޮށްފައި ނުވާނޭކަމަށް ކައުންސިލުން ބުންޏެވެ.
މި ބަޔާނުގައި ދިރުރަށު ކައުންސިލުން ވަނީ މާފުށިން ފަތުރުވެރިން ގޮވައިގެން ދިގުރަށަށް އަންނަ ލާންޗްތަކުން ތަކުރާރުކޮށް މިފަދަ އަމަލުތައް ހިންގަމުންދާކަމަށް ބުނެފައެވެ. އަދި މިގޮތަށް އަންނަ ލާންޗްތަކުން ފަހަކަށް އައިސް އަމަލުކުރަމުންދާ ގޮތަކީ، ބީޗް ސަރަޙައްދަށް ފަތުރުވެރިން ބޭލުމަށްފަހު ލާންޗް ބޭރުކޮށް ކައުންސިލްގެ ސްޓާފުންނަށް، ލާންޗްތަކުގެ ކުރޫއިންނާއި މުއާމަލާތު ނުކުރެވޭގޮތް ހެދުން ކަމަށެވެ. މިފަދަ ހާލަތްތަކުގައި ސީދާ ފަތުރުވެރިންނާއި މުޢާމަލާތު ކުރަންޖެހި ކައުންސިލުން އެކަން ކުރަމުން ގެންދާކަން ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ ހުއްދަ ނުހޯދައި އަންނަ ލޯންޗްތަކުން އެސަރަހައްދު ވެއްޓަށް ގެއްލުންވާގޮތަށް ކަންކަން ކުރަމުން އަންނަ ކަމަށާއި، އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތް ދެވިފައިވާކަން ފާހަގަކޮށްފައެވެ. ދިގުރަށު ކައުންސިލުން ބުނީ، އެ ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތައް ތަންފީޒްކޮށް ނެގެހެއްޓުމަށްޓައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ދެމިތިބޭނޭކަމަށެވެ.
ފަތުރުވެރިން ބޭރުކުރުމަށް މަސައްކަތްކޮށްފައެއް ނުވާނެ.މައުލޫމާތު ގޯސް: ދިގުރަށު ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ