ތޮއްޑޫގައި ބަރަހަނާވެ، ފުލުހުންނަށް އަނިޔާކުރި ފަތުރުވެރިއަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫގައި ބަރަހަނާވެ, ފުލުހުންނަށް އަނިޔާކުރި ފަތުރުވެރިއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް ގޮސް އުޅުނު ރަޝިއާގެ ފިރިހެން ފަތުރުވެރިއަކު އެރަށުގެ ވަޅުމަގު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް އިއްޔެ 15:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ސީނަށް އެޓެންޑުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އަނިޔާކޮށް، ފުލުހުންގެ ވެހިކަލަށް ވެސް ގެންލުން ދީފައިވާ ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ފަތުރުވެރިޔާ ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރައިފައިވާ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ