ޣައްޒާ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ވަގުތީގޮތުން މިސުރަށާއި އުރުދުންނަށް ބަދަލުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ކަމަށާއި، އެ ޕްލޭނާ އެއްގޮތަށް އެ ދެގައުމުން އެއްބާރުލުން ލިބޭނެކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.
ވައިޓް ހައުސްގެ ސްޕޯކްސްޕަރސަން ކެރޮލައިން ލެވިޓް ވިދާޅުވީ، ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ވަގުތީގޮތުން މިސުރަށާއި އުރުދުންނަށް ބަދަލުކުރުމަށް އެ ޤައުމުތަކުން އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. ނަމަވެސް، ޓްރަމްޕްގެ ޕްލޭންގެ ދަށުން ޣައްޒާގައި ދިރިއުޅެން ބޭނުންވާ ފަލަސްތީނުގެ ރައްޔިތުންނަށް އެ ފުރުސަތު ލިބިދެވޭނެކަން ޔަގީންކޮށްދިނުމަށް އެދުމުން، ލެވިޓް އެކަމަށް ސީދާ ޖަވާބެއް ދޭން ޖެހިލުން ވިއެވެ.
“ރައީސް ވަނީ ޣައްޒާ އަލުން ބިނާކުރުމަށާއި، އެތަނުގައި މިހާރު ދިރިއުޅޭ މީހުން ވަގުތީގޮތުން އެހެން ތަނަކަށް ބަދަލުކުރުމަށް އަޒުމް ކަނޑައަޅުއްވާފައި، ޣައްޒާއަކީ މިހާރު ވީރާނާވެފައިވާ ތަނެއް. އެތާ ފެނާއި ކަރަންޓުގެ ޚިދުމަތެއް ނެތް. ރައީސް ބޭނުންފުޅުވަނީ އެ މީހުންނަށް އަމާން ވެއްޓެއްގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށް.” ލެވިޓް ބުންޏެވެ.
މީގެ ކުރިން ޓްރަމްޕް ބުނެފައިވަނީ، އެމެރިކާއިން ޣައްޒާ ސަރަޙައްދު ހިންގުމާ ހަވާލުވެ، ބޭނުންވެއްޖެނަމަ އެމެރިކާގެ ސިފައިން ފޮނުވައި، އެތަން “މެޑިޓެރޭނިއަންގެ ރިވިއެރާ” އަކަށް ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ސިފައިން ފޮނުވުމާ ގުޅޭގޮތުން އަދި ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށް ލެވިޓް ބުންޏެވެ.
މި ޕްލޭނާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޣައްޒާގެ މުސްތަޤްބަލާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.
ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމުގެ ވިސްނުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެމުންދާކަންވެސް ފާހަގަކުރެވެއެވެ.އެހެންނަމަވެސް އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ. އަދި ޓްރަމްޕްގެ އެ ޚިޔާލަކީ މީގެކުރިން އެއްވެސް ވެރިއަކު ނުގެންނަވާ ޚިޔާލެއްކަމަށް އޭނާ ބުންޏެވެ.
ޣައްޒާ ރައްޔިތުން ބަދަލުކުރާނީ މިސުރަށާއި، އުރުދުންނަށް: އެމެރިކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ