ރަމަޟާން މަސް އަހަރެމެންނާ އަލްވަދާޢުކިޔަނީއެވެ. ނަމަވެސް އެ މަހުގެ ވެރި الله ދިރިދެމިވޮޑިގެންވެއެވެ. ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ ޢަމަލުކުރުމަކަށް އަލްވަދާޢެއް ނުކިޔާނެއެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމެވެ. ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލު ކޮށްފުމަށް ދާންދެނެވެ. އަޅުކަންކުރުމަކީ، الله سُبْحَانَهُ وَتَعَالَى އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ." އެހެންކަމުން އަޅުކަންކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫނެވެ. އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲއެވެ. މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއްނޫނެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ.
ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މި ދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައެވެ. އެހެންކަމުން ތިބާއީ ހެޔޮ ކަމަށް އެދޭ މީހަކަށް ވާށެވެ! އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަންނާށެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صَامَ رَمَضَانَ ثُـمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ)[1] މާނައީ: "ރަމަޟާންމަހު ރޯދަ ހިފައި އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ." ނިމިގެން މި ދާ ރަމަޟާން މަހު، އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާ ނަމަ، އެއީ ރަނުގެ ފުރުޞަތެކެވެ. ތައުބާގެ ހިތަކާ އެކު ﷲގެ ޙަޟުރަތަށް ރުޖޫޢަވުމުގެ ފުރުޞަތެކެވެ. އެހެނީ ހެޔޮ ޢަމަލުތަކަކީ ނުބައި ކަންތައް ފޮހެލާ ކައްފާރާއެކެވެ.
ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރުކުރާށެވެ. އިސްތިޣުފާރުކުރުމަކީ، އެކަލާނގެ ހަޟުރަތުގައި، ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެއެވެ. އޭ ހެޔޮ ކަމަށް އެދޭ މީހާއެވެ! އެ ކަމަށް އަވަސްވެގަންނާށެވެ! އެކަލާނގެ ރަޙުމަތުގެ ދޮރުކޮޅަކީ އެ ދޮރުކޮޅުން ވަންނާން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައިވާ ދޮރުކޮޅެކެވެ. އެ ކަމަށް ނޭދޭ މީހާ ފިޔަވައެވެ! އެ ފަދަ މީހަކަށް ތިބާ ނުވާށެވެ!
ނިމިގެން މި ދާ ރަމަޟާން މަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލާށެވެ! ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ޤަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުންނާށެވެ! ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބަލާށެވެ! ހެޔޮ ޢަމަލުކުރުމުގައި ހީވާގިވާށެވެ! ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށްދާށެވެ! އެއީ ނަބަވީ މަންހަޖެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى أَدْوَمُهَا وَإِنْ قَلَّ)[2] މާނައީ: "މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް، އެ ޢަމަލެއްކުރުމުގައި ދެމިހުންނަ ޢަމަލެކެވެ."لمسلم.
ޚުޠުބާ: އޮތީ ހަމައެކަނި ރޯދަމަހު އަޅުކަންކުރުމެއް ނޫން! މަރުވަންދެން އަޅުކަންކުރުމުގަ ދެމިތިބުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ