އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން ފިލިޕީންސް އަތުން ބަލިވެއްޖެ އެވެ.
ކޮލިފައިން ގްރޫޕް އޭގެ މި މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވުނީ ރާއްޖޭގައި ކުޅުމަށެވެ. އެކަމަކު، ރޯދަ މަހުގެ ފަހު 10 ތެރެއަށް މި މެޗު ދިމާވާތީވެ، ރާއްޖޭން އެދިގެން މިއީ ފިލިޕީންސްގެ ހޯމް މެޗުގެ ގޮތުގައި ކަނޑައެޅީ އެވެ. މި މެޗުގެ ކުރިން ރާއްޖޭން އެންމެ ފަހުން ފިލިޕީންސް އަތުން ބަލިވީ 2014 ވަަނަ އަހަރު މާލޭގައި ކުޅުނު އޭއެފްސީ ޗެލެންޖު ކަޕްގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2021 ވަނަ އަހަރު މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ނިއު ކްލާކް ސިޓީ އެތުލެޓިކް ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ރާއްޖެ ކޮޅަށް ފިލިޕީންސް އިން ގޯލު ޖެހި އެވެ. މި ލަނޑު ކާމިޔާބުކުރީ ކޯނަރެއްގައި އޭރިއާތެރެއަށް އައި ބޯޅައަކަަށް އަރައި، ފިލިޕީންސްގެ ޑިފެންޑަރު ޖެފަސަން ޓަބީނާސް އެވެ.
ފިލިޕީންސަށް މޮޅު ކުޅުމެއް ދައްކައިދިން ޒިކޯ ބެއިލީ އޭރިއާބޭރުން ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ފިލިޕީންސް އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނިޓްގަ އެވެ. މިއީ، ރާއްޖޭގެ ފަހަތުން ގެއްލުނު ބޯޅައެއް ހޯދައި، އޭރިއާތެރެއިން ފިލިޕީންސްގެ ފޯވާޑް، ބިޔޯން މާޓިން ކްރިސްޓެންސަން ޖެހި ގޯލެކެެވެ. ނޯވޭގެ ކްލަބަކަށް ކުޅޭ ކްރިސްޓެންސަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.
މި ހާފުގައި ފިލިޕީންސް އިން ފޮނުވާލި ރަނގަޅު ހަމަލާއެއް ކީޕަރު ހުސެއިން ޝަރީފް (ހުސެން) މަތަކުރި އެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ފިލިޕީންސް އޭރިއާތެރެއިން ރާއްޖޭގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ އަމާޒުވީ ފިލިޕީންސްގެ ކީޕަރު، ކެވިން ރޭ މެންޑޯޒާ ވަނީ މަތަކޮށްފަ އެވެ.
ރާއްޖޭން ގޯލު ޖެހީ މެޗުގެ 62 ވަނަ މިނިޓްގަ އެެވެ. މިއީ ފޭދޫ އިއްބެ އާއި ހުސެއިން ސިފާއު ޔޫސުފް (ކުރޯ)ގެ ކޮމްބިނޭޝަނަކަށް ފަހު، އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލެކެވެ. ކުރޯ ނަގައިދިން ބޯޅަ އޭރިއާތެރެއިން ހޯދުމަށް ފަހު ސެންޓޭ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. މީގެ ހަތަރު އަހަރު ކުރިން ވެސް ރާއްޖޭން ކުޅުނު މެޗުގައި ފިލިޕީންސް ކޮޅަށް ލަނޑު ޖެހީ ސެންޓޭ އެެެވެ.
އޭގެ ހަ މިނިޓް ފަހުން، އޭރިއާބޭރުން ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފިލިޕީންސް އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ރާއްޖޭގެ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު، ފިލިޕީންސްގެ ރެންޑީ ޝްނައިޑާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ. ޝްނައިޑާ އަކީ ސްވިޒަލެންޑްގެ ކްލަބަކަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭގައި ފިލިޕީންސްގެ ހަތަރު ވަނަ ގޯލު ޖެހީ، ސަންޑްރޯ ރެޔެސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ