މޭމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޙައްޖަށްދާ ދިވެހިން ސަޢޫދީއަށް ދަތުރުކުރަން ފަށާނެ: ޙައްޖު ކޯޕަރޭޝަން

މިއަހަރުގެ ޙައްޖު މޫސުމަށް ދިވެހިން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރަން ފަށާނީ މޭމަހުގެ 26 ވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވި ގޮތުގައި، މިއަހަރު ޙައްޖަށް ދާ 1،000 ދިވެހިން ސަޢޫދީއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. މި ދަތުރުތައް ކުރިއަށްދާނީ މޭމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހުއެވެ.
"ވައިގެ ދަތުރުތަކާއި އެއްގަމު މަގުން ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމްތައްވެސް މިހާރު ވަނީ ނިމިފައި،" ޝަކީލް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ދަތުރުތައް ކުރިއަށް ގެންދާނީ ޤައުމީ އެއަރލައިން މޯލްޑިވިއަން އަދި ސަޢޫދީގެ ސަޢޫދިއާ އެއަރލައިން މެދުވެރިކޮށެވެ. ކޮންމެ އެއަރލައިނަކުން 500 މީހުން ދަތުރުކުރާނެއެވެ. އެއަރލައިންތަކާއެކު އެއްބަސްވުން ޤާއިމުކުރުމާއި ފައިސާގެ ކަންކަންވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ޝަކީލް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޙައްޖާ ގުޅޭ އިދާރީ މަސައްކަތްތަކުގެ 90 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. މިކަމުގެ ތެރޭގައި ދަތުރުފަތުރުގެ އިންތިޒާމްތައް ހިމެނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ