އިންޓާއިން އުދިނޭސީ ބަލިކޮށް ލީޑު ދިފާއުކޮށްފި
އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އާއި އުދިނޭސީ ބައްދަލުކުރި މެޗު އިންޓާއިން ކާމިޔާބުކޮށް ތާވަލުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑު ދިފާއުކޮށްފިއެވެ. އިންޓާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ. އަދި މިމެޗުގެ ފެށުން ރަނގަޅުވީވެސް އިންޓާގެއެވެ. މިގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އިންޓާއިންވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާކޯ އަނޯޓޮވިޗްއެވެ. މެޗުގެ 29 ވަނަ މިނެޓުގައި ޑޭވިޑް ފްރެޓޭސީ ކާމިޔާބު ކޮށްދިން ލަނޑުން އިންޓާއިން މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގައި ހަމަޖެހިލިތަން ފެނުނެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބުނެވެ. މި މެޗުގައި އުދިނޭސީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮމާ ސޮލެޓްއެވެ. މި ކާމިޔާބީއާއެކު އިންޓާ މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 67 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑަކާއެކުއެވެ. އަދި އުދިނޭސީ އުޅެނީ 40 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. މިމުބާރާތުގައި އިންޓާއަށް ކާމިޔާބީ ލިބުނުއިރު އޭސީ މިލާންގެ ނަސީބު އެހާ ރަނގަޅެއް ނުވިއެވެ. ތާވަލްގެ ދެވަނައިގައި އުޅޭ ނަޕޯލީއާ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނަޕޯލީއެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ މިނެޓުގައި މަޓިއޯ ޕޮލިޓާނޯ ނަޕޯލީއަށް ކާމިޔާބު ކޮށްދިން އިރު މެޗުގެ 19 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ލަނޑުވަނީ ރޮމެލޫ ލުކާކޫ ކާމިޔާބު ކޮށްދީފައެވެ. މިމެޗުގައި މިލާންއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 84 ވަނަ މިނެޓުގައި ލޫކާ ޔޮކިޗްއެވެ. މި ކާމިޔާބީއާއެކު ނަޕޯލީ މިހާރު އުޅެނީ 64 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މިލާން އުޅެނީ 47 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ