ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭން ސައުދީއާއެކު ބައިނަލްއަގުވާމީ ފޯރަމެއް ބާއްވަނީ
ނަޒާހަތްތެރިކަން ވަރުގަދަ ކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެއާއި ސައުދީ އަރަބިއްޔާ ގުޅިގެން ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ. "ސައުދީ މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ"ގެ ނަމުގައި މި ފޯރަމް ބާއްވަނީ ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ސައުދީގެ އޯވަސައިޓް އެންޑް އެންޓި ކޮރަޕްޝަން އޮތޯރިޓީ ގުޅިގެންނެވެ. ޕީއެސްއެމްގެ "ރާއްޖެ މިއަދު"ގައި މި ފޯރަމާ ގުޅޭ މައުލޫމާތު ދެއްވަމުން އޭސީސީގެ ޑިރެކްޓާ އޮފް ޕްރިވެންޝަން ފާތިމަތު އިބްނާ ވިދާޅުވީ އިންޓެގްރިޓީ ފޯމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު ކަމަށެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި ގާތްގަނޑަކަށް 50 ގައުމުން ބައިވެރިވެއެވެ. ސެޝަންތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ފޯރަމުގެ ފުރަތަމަ ސެޝަންގައި ގައުމުތަކުގެ ވެރިން ކޮރަޕްޝަންގެ ހިރާސްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާނެއެވެ. ކޮރަޕްޝަނުގެ ކުށްތައް ގުޅިފައިވަނީ އިގުތިސާދާ ކަމާއި، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު، މި ފޯރަމްގެ ސަބަބުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއަށް ވެސް ފުރުސަތުތައް ފަހިވެގެންދާނެކަން އިބްނާ ފާހަގަ ކުރެއްވިއެވެ. މި ފޯރަމުން އެކި ގައުމުތަކުގެ ވަފުދުތައް އެއްތަންވެ، ރަސްމީ އަދި ނުރަސްމީ ގޮތުން ވެސް ކޮރަޕްޝަނުން އަރައިގަތުމަށް ޓަކައި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އިބްނާ ފާހަގަ ކުރެއްވިއެވެ. އަދި މިއީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ގައުމަތަކާއެކު ގުޅުން ބަދަހި ކުރުމަށް ވެސް ލިބިގެންދާ ފަހި ފުރުސަތެއްކަން ފާހަގަ ކުރެއްވިއެވެ. ރާއްޖެއާއި ސައުދީ ގުޅިގެން ކުރިޔަށް ގެންދާ މި ފޯރަމް އިންތިޒާމުކޮށް ހަމަޖެއްސުމަށް ޓަކައި ސައުދީން ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަން އިބްނާވަނީ ފާހަގަ ކުރައްވައިފައެވެ. އެ ގޮތުން ނިމުނު ރަމަޟާންމަހުގެ ތެރޭގައި ވެސް އޭސީސީއާއި ސައުދީގެ އެންޓި ކޮރަޕްޝަން އޭޖެންސީއާ ދެމެދު މުއާލަމާތްތަކެއް ކުރެވި، ގުޅުން ހަރުދަނާވެފައިވާ ކަމަށް އިބްނާ ވިދާޅުވިއެވެ. މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ދިނުމަށް ޓަކައި، ފޭސްބުކް އަދި އެކްސްގައި ފޯރަމް ލައިވް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭސީސީް ބުނެއެވެ. މި ފޯރަމްގެ ވެބްސައިޓު ތައްޔާރުކޮށްފައިވާއިރު، ފޯރަމާ ގުޅޭ މައުލޫމާތު އެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ