އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޝުޖާއު އައްޔަންކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޑޫ ސިޓީ ކައުންސިލްގެ ކުރީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ނާހިލް އަހްމަދު ސިއްދީގު، މިދިޔަ އަންގާރަ ދުވަހު އަމިއްލައަށް އިސްތިއުފާ ދެއްވުމުންނެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ވަގުތީ ޖެނެރަލް ސެކްރެޓަރީ އަކަަށް ހުންނެވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އިސްމާއިލް ސިމަން އެވެ. ނޯމަލައިޒޭޝަން ކޮމިޓީން ޝުޖާއު އެ މަގާމަށް އައްޔަންކުރީ މިއަދު އެވެ.
ތަފްސީލު - އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން މިދިޔަ 29 ވަރަކަށް އަހަރުގެ ތެރޭގައި ޝުޖާއު ވަނީ ސަރުކާރު ކުންފުނިތަކުގެ އެކި އިސް މަގާމުތައް ފުރުއްވައިފަ އެވެ.
އެންމެ ފަހުން އަދާކުރެއްވީ އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ. އަދި އޭގެ ކުރިން އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި:
އެސްޓީއޯގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި އެ ނޫނަސް އިސް މަގާމުތައް
މޯލްޑިވް ގޭހުގެ ބޯޑު ޑިރެކްޓަރުގެ މަގާމު
އެނގުން މުހިންމު - ނޯމައިލޭޝަން ކޮމިޓީއަކީ އުސޫލުތަކާ ހިލާފުވެ، މައްސަލަތައް ހައްލުނުކުރެވޭ ހާލަތުގައި ފީފާގެ މެމްބަރު އެސޯސިއޭޝަންތައް ހަމަޔަކަށް އަޅުވަން ފީފާއިން އެކުލަވާލާ ކޮމިޓީއެކެވެ. މި ކޮމިޓީގައި ހިމެނޭނީ އެ ގައުމަކުން ނަގާ ބައެކެވެ. އާ ކޮމިޓީން އެފްއޭއެމްގެ އިންތިހާބު އެންމެ ލަސްވެގެން ވެސް 31 ޖުލައި 2025ގެ ކުރިން ބާއްވަން ޖެހޭނެ އެވެ.
ފީފާއިން އެ ކޮމިޓީއާ ހަވާލުކުރި ބައެއް ޒިންމާތަކުގެ ތެރޭގައި ހިމެނެނީ:
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އަސާސީ ގަވާއިދު އިސްލާހުކުރުން
އާ އިންތިހާބު ބޭއްވުން
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތުހުމަތުކުރެވޭ މާލީ ބޮޑެތި މައްސަލަތަކުގައި އެފްއޭއެމަށް ގެއްލުނު ފައިސާ ހޯދުން
އެފްއޭއެމްގެ ދަރަނި ހައްލުކުރާނެ ގޮތްތައް އެކުލަވައިލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ