އިސްރާއީލް ޕާސްޕޯޓް މަނާކުރުން: އަވަސްކުރަން ގޮވާލުން ގަވާއިދަށް ނުފެތުނު

ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި, ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުން ދާ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ގޮވައިލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދާ ޚިލާފުކަމަށް ނިންމައި ބޭރުކޮށްލައިފިއެވެ. ރޯދަ މަހުގެ ފަހު 10 އަކާއި އީދު ބަންދަށްފަހު މިއަދު މަޖިލީހުގެ ޖަލްސާތައް ވަނީ ފަށައިފައެވެ. މިއަދުގެ ޖަލްސާއަށް ކެންދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުށަހަޅައިފައިވާ ބިލާމެދު ގޮތެއް ނުނިމި ލަސްވަމުން ދާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. މައުރޫފްގެ މައްސަލައިގައި ވިދާޅުވެފައިވަނީ އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު, ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަޙްމަދު ނަސީމު އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު ހަމަ އެ ދުވަހު ވަޒީރުންގެ މަޖިލީހުން އެކަން ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް, އަޙްމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކުއްލި މައްސަލަ ހުށަހެޅޭނީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް އަސަރު ކުރާނެ ކުއްލި ކަމެއް ސީދާ ދިމާވުމުން އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ. އަދި ކުއްލި މައްސަލައަކީ ހުށަހަޅާފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސަކާ ގުޅޭ ކަމަކަށް ވާން ނުޖެހޭނެ ކަމަށް ވެސް މަޖިލީހުގެ ގަވާއިދާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވިއެވެ. އެހެންވެ ރިޔާސަތުން ނިންމެވީ މައުރޫފް ހުށަހެޅުއްވި މައްސަލަ, ކުއްލި މައްސަލައިގެ ޝަރުތު ހަމަ ނުވާ ކަމަށެވެ. މައުރޫފް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ވިދާޅުވެފައި ވަނީ އިސްރާއީލް ޕާސްޕޯޓް މަނާ ކުރުމާ ގުޅޭ ބިލް މަޖިލީހުގައި އޮންނަތާ ނުވަ މަސް ވެގެން ގޮސްފައިވާއިރު އެ ބިލް ފާސްނުކޮށް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން އެހެން ބިލްތައް ފާސް ކުރަމުން އަންނަ ކަމަށެވެ. ހަމައެހެންމެ އިސްރާއީލުގެ މައްސަލައިގައި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް ވެސް މައުރޫފް ވިދާޅުވެފައިވެއެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން އެމްޑީޕީގެ މެންބަރުން ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ޕީއެންސީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި މެންބަރުން އެ ހުށަހެޅުންތައް ފާހެއް ނުކުރެއެވެ. އިސްރާއީލު ޕާސްޕޯޓް މަނާކުރަން ކެބިނެޓުން ނިންމައި އިއުލާން ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސަމާލުކަން ވެސް އެކަމަށް ލިބުނެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ އެކަން ނުކުރާތީ ސަރުކާރަށާއި ސަރުކާރު ހިންގާ ޕީއެންސީއަށް ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ