ބްރޯޑްކޮމްގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާތީ މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަނީ ބްރޯޑްކޮމްގެ މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވާތީ މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަނީ

މުވައްޒަފުންނާ މެދު ނާއިންސާފުން އަމަލު ކުރާތީ އެކަމާ ދެކޮޅަށް ހަޅުތާޅު ކުރުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މުވައްޒަފުން މިއަދު މަސައްކަތަށް ނުނިކުމެ ގެއަށް ހިނގައްޖެ އެވެ.
ހަޅުތާލު ކުރުމުގެ ގޮތުން ބްރޯޑްކޮމްގެ މުވައްޒަފުން ގެއަށް ދިޔައީ މިއަދު ހެނދުނު އޮފީސް ދޮށަށް ވެސް ދިޔުމަށްފަހު އެވެ. ބްރޯޑްކޮމްގެ މުވައްޒަފުން ހަޅުތާލު ކުރަން ފަށާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް، މަރިޔަމް ޒީނިޔާ ސަސްޕެންޑު ކޮށްފައިވަނިކޮށެވެ.
ބްރޯޑްކޮމްގެ މުވައްޒަފަކު ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނީ ބްރޯޑްކޮމްގައި ދިމާވާ މައްސަލައަކީ އެތަނުގެ ކޮމިޝަނަރުންގެ ގޮތުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން މުވައްޒަފުންނަށް އިތުބާރު ނުކުރުން ކަމަށެވެ.
"މައްސަލައަކަށް ވާކަމަކީ ޝައްކު މާބޮޑަށް ކުރަނީ، އަޅުގަނޑުމެން އެ ބޭފުޅުންނަށް ވަފާތެރިކޮށް ތެދުވެރިކޮށް ނުވާނެ [ކަމަށް] އަޅުގަނޑުމެންނަކީ ތެދުވެރިކަމާއި ވަފާތެރިކަމާ އެއްކޮށް ތިބޭނެ ބައެއް، މި ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި އަޅުގަނޑުމެން މިފަދަ ކަމަކަށް ނުނިކުންނަން،" ބްރޯޑްކޮމްގެ މުވައްޒަފަކު ބުންޏެވެ.
ހަޅުތާލަކުރަން ނިންމީ މުވައްޒަފުން ކުރާ މަސައްކަތް ބްރޯޑްކޮމްގެ މެންބަރުން ބަލައިނުގަނެ އެތަނުގެ މުވައްޒަފުންނާމެދު ނާއިންސާފުން ކަން ކުރަމުން ދާތީ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެ ބޭފުޅުންނަށް ގަބޫލު ކުރެވޭ އެއްޗަކަށް ނުވާތީވެ، ދެން އަޅުގަނޑުމެންގެ އެސްޖީ އެއްފަރާތަކަށް ލީ އިންސާފުވެރިކަމާ އެކީގައި ނޫން ކަމަށް އެހެން މުވައްޒަފަކަށް ވެސް ހަމަ އިންސާފުވެރިކޮށް ނޫން ގޮތަކަށް އަމަލު ކޮށްފައި ވާތީ، ދެން އަނެއްކާ އަޅުގަނޑުމެންނާ ދޭތެރޭގައި ވާނީ ކިހިނެއްކަން ވެސް ނޭނގޭތީވެ އަޅުގަނޑުމެން ހިތަށް އެރީ ހަމަ މަސައްކަތް ހުއްޓައިލާނަމޭ މިއަދު،" އޭނާ ބުންޏެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށް އެ ކަންކަމަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. ބްރޯޑްކޮމްގެ މުވައްޒަފުން ހުށަހެޅި އެ ޕެޓިޝަނުގައި އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ބްރޯޑްކޮމްގެ އެސްޖީ، ޒީނިޔާ ސަސްޕެންޑު ކުރީ އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅިތާ 24 ގަޑިއިރު ތެރޭގަ އެވެ. އޭނާ ސަސްޕެންޑުކުރި ސީދާ ސަބަބެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. ޒީނިޔާ ސަސްޕެންޑު ކުރީ 96 ގަޑިއިރަށެވެ.
ބްރޯޑްކޮމް ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިިޓީއަށެވެ. އެ ޕެޓިޝަނުގައި އެދިފައި ވަނީ ކޮމިޝަނުގެ ރައީސާއި، ނައިބު ރައީސް އަދި ބައެއް މެންބަރުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރު ކޮށްދިނުމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނަކީ ސަފާ ޝަފީގް އާއި މުހައްމަދު އަބްދުﷲ (މުހައްމާ ކަލޯ) އާއި އައިމިނަތު އަމީނާ އާއި އައިމިނަތު ސަރާހަތު އިއްޒަތާއި އައިމިނަތު ނުޒުހާ އާއި ޝިފްލާ އިބްރާހިމް އާއި މޫސާ ރިލްވާން އެވެ. ކޮމިޝަނުގެ ރައީސްއަކީ ސަފާ އެވެ.
ބްރޯޑްކޮމްގެ ތެރޭގައި ސިޔާސީ ނުފޫޒު އިންތިހާއަށް ބޮޑުވެފައިވާއިރު އެ ކޮމިޝަނުގެ މެންބަރަކު ވަނީ ދާދިފަހުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށްވެސް ސޮއިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ބައެއް ޓީވީ ސްޓޭޝަންތައް ހާޒިރުކޮށް ޖަވާބުދާރީވާން މިފަހުން ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ