ގެދޮރުވެރިޔާ: އަކްރަމާއި އިތުރު ތިން ބޭފުޅަކަށް ދައުވާ ކޮށްދޭން ފޮނުވައިފި

އެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ނާޖައިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
ކުރީގެ ސަރުކާރުން ހިންގި ''ގެދޮރުވެރިޔާ'' ސްކީމްގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ، އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ އިތުރު ތިން ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން މިއަދު ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމްގެ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިންކަން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.
އެ މައްސަލައިގައި އަކްރަމްގެ އިތުރުން ދައުވާކޮށްފައިވަނީ އޭރުގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލަކަށް އޭރު އަދި މިހާރު ވެސް ހުންނެވި އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ނާޖައިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.އޭސީސީން ބުނީ އެ ބޭފުޅުންނަށް މިހާރު ދައުވާކޮށްފައިވާ ކުށްތައް ފިޔަވައި އިތުރު ތުހުމަތުތައް ކުރެވޭތީ ފުލުހުންނާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރަމުން ކަމަށެވެ.
އަކްރަމް އާއި އާރިފަކީ އޭރުގެ ސަރުކާރުން ހިންގި "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ.
އޭސީސީން އެދިގެން މި ހަތަރު ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު، ފަހުން ވަނީ ދޫކޮށްލައިފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ