ސައުދީ ފަންޑަށް އިންޑިއާގައި އިންވެސްޓު ކުރަން ފަހިކޮށްދެނީ ސައުދީ ފަންޑަށް އިންޑިއާގައި އިންވެސްޓު ކުރަން ފަހިކޮށްދެނީ

ނިއު ދެއްލީ، އިންޑިއާ (މެއި 30) - ސައުދީ އަރަބިއްޔާގެ ސޮވެރިން ވެލްތު ފަންޑުން ކުރާ އިންވެސްޓްމަންޓުތަކަށް ފަހިކޮށްދިނުމުގެ ގޮތުން އިންޑިއާގައި އަމަލު ކުރަމުން އަންނަ ފޮރިން ޕޯޓްފޯލިއޯ އިންވެސްޓްމަންޓު ގަވާއިދުތަކުން އެ ފަންޑު އިސްތިސްނާ ކުރުމަށް ނިންމައިފި އެވެ.
މިދިޔަ އޭޕްރީލް މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސައުދީއަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ. އެ ދަތުރުގައި ދެ ގައުމުން ވެސް ވަނީ ހަކަތަ އާއި އުމްރާނީ ތަރައްގީ އަދި ފާމަސޫޓިކަލް ފަދަ ދާއިރާތައް ކުރިއަރުވަން ގުޅިގެން އިންވެސްޓް ކުރަން އެއްބަސްވެފަ އެވެ. އަދި ދެ ގައުމުން އަންނަނީ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ފޮރިން އިންވެސްޓްމަންޓު ގާނޫނުތަކާއި ގަވާއިދުތައް ބުނާ ގޮތުން ސޮވެރިން ފަންޑުތަކަށް އެ ގައުމުގެ ކުންފުނިތަކުގެ ހިއްސާގެ ގަނެވެނީ 10 ޕަސެންޓެވެ. އަދި އެފަދަ ފަންޑުތަކުގެ ސަބްސިޑަރީ ކުންފުނިތަކަށް ވެސް އިންވެސްޓެއް ނުކުރެވެ އެވެ.
އެ ގަވާއިދުތަކުން ސައުދީ ފަންޑު އިސްތިސްނާ ކުރުމާ އެކު އެ ފަންޑުގެ ދަށުން ހިންގަމުން އަންނަ ކުންފުނިތަކަށް ވެސް އިންޑިއާގެ އެކި ކުންފުނިތަކުގެ ހިއްސާ ގަނެ އިންވެސްޓް ކުރުމުގެ މަގުފަހިވެގެންދާނެ އެވެ. މިކަމާ ގުޅިގެން އިންޑިއާގެ ފިނޭންސް މިނިސްޓްރީ އަދި ސައުދީ ފަންޑުން ވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ.
ސައުދީން ވަނީ އިންޑިއާގައި މަދުވެގެން 100 ބިލިއަން ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓު ކުރުމަށް ނިންމާފަ އެވެ. އެ ލަނޑުދަނޑި ހާސިލު ކުރުމަށް ދެ ގައުމުން ވަނީ މަތީ ފަންތީގެ އޮފިޝަލުން ހިމެނޭ ޓާސްކްފޯހެއް ވެސް އެކުލަވާލާފަ އެވެ.
އިންޑިއާގައި ހުރި ސައުދީ ފަންޑުގެ އެސެޓުތަކުގެ އަގު ތިން ބިލިއަން ޑޮލަރަށް ވެސް ނާރަ އެވެ. އެއީ ޖިއޯ ކުންފުނީގެ 1.5 ބިލިއަން ޑޮލަރުގެ ހިއްސާ އާއި ރިލަޔަންސް ރީޓެއިލްގެ 1.3 ބިލިއަން ޑޮލަރުގެ ހިއްސާ އެވެ. އެހެން ކުންފުންޏެއްގައި މިހާތަނަށް ސައުދީ ފަންޑުން އިންވެސްޓް ކޮށްފައި ނުވެ އެވެ.
ސައުދީ ފަންޑަކީ ދުނިޔޭގެ އެންމެ ބޮޑު ސޮވެރިން ވެލްތު ފަންޑުތަކުގެ ތެރޭގައި ހިމެނޭ ފަންޑެކެވެ. މިހާރު ވެސް އެ ފަންޑުގެ އެސެޓް ޕޯޓްފޯލިއާ 925 ބިލިއަން ޑޮލަރަށް ވުރެ އިތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ