މިއުނިކް (ޖޫން 1) - އިންޓަ މިލާން 5-0 އިން ބަލިކޮށް، ފެންވަރު ދައްކާލައި ޕީއެސްޖީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި ޔޫރަޕްގެ ރަސްކަމަށް އަރައިފި އެވެ.
ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު މުބާރާތުގެ ފައިނަލުގައި ޕީއެސްޖީން އަލަށް ކުޅުނީ މީގެ ފަސް އަހަރު ކުރިންނެެވެ. އެ މެޗުގައި، ބަޔާން މިއުނިކް އަތުން ޕީއެސްޖީ ބަލިވިއިރު، މިރޭ، އެ ތަށި ފުރަތަމަ ފަަހަރު ހޯދީ، ބަޔާންގެ ދަނޑު، އަލިއާންޒް އެރީނާގައި ކުޅުނު ފައިނަލުގައި އިންޓަގެ މައްޗަށް ކުރިހޯދައިގެންނެވެ.
ބަޔާން ބަލިކޮށް، 2010 ވަަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިންޓަ މި ވަނީ ޖެހިޖެހިގެން ދެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފަ އެވެ. މެންޗެސްޓާ ސިޓީން މީގެ އެއް އަހަރު ކުރިން ވަނީ އިންޓަ ބަލިކޮށް، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ވަރުގަދަ ފޯމެއްގައި ފައިނަލާ ހަމައަށް ދަތުރުުުކުރި، ޕީއެސްޖީން ވަނީ ފައިނަލް މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ 12 ވަނަ މިނިޓްގައި، ޕީއެސްޖީން ލީޑުނެގީ އިންޓަ އަށް ކުރިން ކުޅުނު ފުލްބެކް، މޮރޮކޯގެ އަޝްރަފް ހަކީމީ ޖެހި ގޯލުންނެވެ. ހުސްކޮށްލާފައި ޑެސެއާ ޑޫއޭ ދިން ބޯޅަ ހަކީމީ ވަނީ ގޯލަަށް ފޮނުވާލައިފަ އެވެ. ހަކީމީ، މި ގޯލު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެ އެވެ. އެއީ، އިންޓަ އަށް ކުރިން ކުޅެފައިވާތީ އެވެ.
އިންޓަ އިން ގިނަ ކުޅުންތެރިންތަކެއް ކުރިިއަށް ފޮނުވައި، އެޓޭކަށް ޖެހި އުޅުނު ވަގުތެއްގައި، ކައުންޓައެޓޭކުގައި ތަނަވަސްވި ފުރުސަތަކުން މެޗުގެ 20 ވަަނަ މިނިޓްގައި ޕީއެސްޖީން ދެ ވަނަ ލަނޑު ޖެހި އެވެ. މި ގޯލު ޖެހީ، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޑޫއޭ އެވެ. ޑޫއޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އިންޓަގެ ފުލްބެކް، ފެޑެރީކޯ ޑި މާކޯ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.
ފުރަތަމަ ހާފުގައި އިންޓަގެ ރަނގަޅު ދެ އެޓޭކް ވެސް ފެނުނީ ކޯނަރުގަ އެވެ. އެ ގޮތުން، ތަޖުރިބާކާރު ޑިފެންޑަރު، ފްރެންޗެސްކޯ އަޗޭބީ އާއި މާކަސް ތުރާމް، ބޮލުން ފޮނުވާލި ބޯޅަތައް ގޯލާ ސީދާ ވާގޮތެއްނުވި އެވެ.
ދެ ވަނަ ހާފު ފަށައިގެން އިންޓަ އިން ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، ޕީއެސްޖީން ކައުންޓާގައި ހޯދި ދެ ފުރުސަތެއްގައި ޑެމްބެލޭ އާއި ކްވިޗާ ކްރަވަޝްކޭލިއާ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
ޕީއެސްޖީން ތިން ވަަނަ ގޯލު ޖެހީ، 63 ވަނަ މިނިޓްގައި ޑޫއޭ އެވެ. މިއީ، އިންޓަގެ މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް، ހުސްކޮށްލާފައި ވިޓީނިއާ ދިން ބޯޅައަކުން ޑޫއޭ ޖެހި ގޯލެކެވެ. ނަވާރަ އަހަރުގެ ޑޫއޭ އަކީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ދެ ލަނޑު ޖަހައި، ގޯލެއް ޖަހަން ފުރުސަތު ހޯދައިދިން އެންމެ ހަގު ކުޅުންތެރިޔާ އެވެ.
އިންޓަ ޑިފެންސް ފަހަތުން ލިބުނު ޖާގައަކުން، މެޗުގެ 73 ވަަނަ މިނިޓްގައި، ކްވިޗާ ކްރަވަޝްކޭލިއާ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، ބަދަލަކަށް ކުޅެން އަރައި، 19 އަހަރުގެ ސެނީ މަޔޫލޫ ވަނީ ޕީއެސްޖީގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ.
ޕީއެސްޖީން މި ވަނީ މި ސީޒަނުގައި ހަތަރު ތަށި ހޯދައިފަ އެވެ. އެއީ، ޗެމްޕިއަންސް ލީގުގެ އިތުރުން، ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަ ކަޕް އެވެ. މިއީ، ސްޕެއިނުގެ ކޯޗު ލުއިސް އެންރިކޭ، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އޭނާ ވަނީ މީގެ 10 އަހަރު ކުރިން ބާސެލޯނާގައި ހުރެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ފެންވަރު ދައްކާލައި ޕީއެސްޖީން ފުރަތަަމަ ފަަހަރަށް ޔޫރަޕްގެ ރަސްކަމަށް ފެންވަރު ދައްކާލައި ޕީއެސްޖީން ފުރަތަަމަ ފަަހަރަށް ޔޫރަޕްގެ ރަސްކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ