އައިޕެޑަށް ޚާއްސަ އިންސްޓަގްރާމް އެޕެއް ނެރެނީ
މެޓާ ޕްލެޓްފޯމްސްއިން އައިޕެޑަށް ޚާއްސަކޮށްގެން އިންސްޓަގްރާމްގެ 'ނޭޓިވް' އެޕެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން ހާމަކުރައްވާފައިވާ ގޮތުގައި، 'ހުރިހާ ކަމެއް ރޭވުމާ އެއްގޮތަށް ދާނަމަ' މި އެޕް މި އަހަރުގެ ފަހުކޮޅު ނެރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ބޮޑެތި ސްކްރީންތަކަށް ސަޕޯޓުކުރުމަށް ގިނަ ބަޔަކު އެތައް އަހަރެއް ވަންދެން އެދެމުން އައި، ފަހުން ނެރުނު އައިޕެޑަށް ހާއްސަ ވޮޓްސްއެޕް އެޕްގެ ކާމިޔާބީއަށް ބިނާކޮށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ބެލެވެއެވެ. މި އެޕް ނެރުމުގެ ކުރިން، މެޓާގެ މުވައްޒަފުންގެ މެދުގައި އެ ކުންފުނީގެ ކެމްޕަހުގައި މިހާރު ވެސް އަންނަނީ 'އެކްޓިވްކޮށް' ޓެސްޓު ކުރަމުންނެވެ. މި ވަގުތު ވެސް އެޕަލް ޓެބްލެޓަށް އިންސްޓަގްރާމް އެޕް ސްޓޯރުން ލިބެން ހުރި ނަމަވެސް، އެއީ އައިފޯނު އެޕްގެ 'ޒޫމް' ކުރެވިފައިވާ ވާޝަނެކެވެ. އޭގައި ކޮންޓެންޓް ފެންނަނީ ސްކްރީންގެ މެދުގައެވެ. ގާމަން ފާހަގަކުރައްވާ ގޮތުގައި، މެޓާއިން މީގެ ކުރިން އައިޕެޑަށް ޚާއްސަ އެޕެއް ނެރެފައިނުވަނީ، އޮޕްޓިމައިޒޭޝަންގެ މައްސަލަތަކާއި، އައިޕެޑްގެ ބޮޑު ސްކްރީނުގައި ހަތަރެސްކަން ފޮޓޯތައް ފެންނާނެ ގޮތާއި، އަދި ފެންވަރު ދަށް ފޮޓޯތައް ފާޅުވެދާނެ ކަމުގެ ކަންބޮޑުވުންތަކާ ހެދިއެވެ. ނަމަވެސް، މިހާރު ޓެކްނޮލޮޖީ އެކަމަށް އެކަށީގެންވާ ވަރަށް ކުރިއަރާފައިވާ ކަމަށާއި އިންސްޓަގްރާމް 2010 ވަނަ އަހަރު ފެށިތާ ގާތްގަނޑަކަށް 15 އަހަރު ފަހުން މެޓާއިން މި އެޕް ނެރުމަށް ރާވަމުން އަންނަ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. އައިޕެޑަށް ޚާއްސަ އިންސްޓަގްރާމް އެޕެއް ތައްޔާރުކުރާ ކަމަށް މީގެ ކުރިން ވެސް ރިޕޯޓުކޮށްފައިވެއެވެ. ކުރީގެ ރިޕޯޓުތައް ބުނާ ގޮތުން، މިފަދަ އެޕެއް ނެރުމުގެ އެއް މަގުސަދަކީ "އިންސްޓަގްރާމްގެ ބޭނުން އިތުރަށް އިތުރުކުރުން" ކަމަށްވެއެވެ. އަދި، މި ކަމަށް ބާރުއެޅި ކަމަށް ކުރިން ރިޕޯޓުކޮށްފައިވާ ދެ ސަބަބަކީ، އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ނުރައްކަލާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން އެތެރެކުރާ މުދަލަށް އަޅާފައިވާ ޓެރިފްތައް ކަމަށް ވެސް ބުނެފައިވެއެވެ. އައިޕެޑް ބޭނުންކުރާ ފަރާތްތަކުން، އެ ޑިވައިސްއަށް ޚާއްސަ އިންސްޓަގްރާމް އެޕެއް ނެތުމުގެ ޝަކުވާ ކުރާތާ ދިގު މުއްދަތެއް ވެއްޖެއެވެ. މިހާރު އައިޕެޑުން އިންސްޓަގްރާމް ބޭނުންކުރުމަށް ލިބެން ހުންނަނީ، އައިފޯނަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަނެވެ. މިއީ އައިޕެޑްގެ ބޮޑު ސްކްރީނަށް ރަނގަޅަށް ފިޓްނުވާ، އަދި ބޭނުންކުރަން އުނދަގޫ، "ޒޫމް" ކޮށްފައިވާ ތަޖުރިބާއެކެވެ. އައިޕެޑް އެޕެއް ތައްޔާރުކުރުމަކީ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމަށް އިންސްޓަގްރާމްގެ ހެޑް، އާދަމް މޮސެރީ ވަނީ މީގެކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ