ލިވަޕޫލް އެއްބަސްވުމާއެކު މި އަހަރަށް ކަނޑައެޅި 2.3 މިލިއަނުގެ އަމާޒަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ: ތޯރިގު ލިވަޕޫލް އެއްބަސްވުމާއެކު މި އަހަރަށް ކަނޑައެޅި 2.3 މިލިއަނުގެ އަމާޒަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ: ތޯރިގު

ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ އާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުމާއެކު، މި އަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަނަށްވުރެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ލިވަޕޫލާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށްގެންދާ ހަރަކާތްތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ޔޫކޭއަށް ކުރެއްވި ދަތުރަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، އެއްބަސްވުމާއެކު މި އަހަރު 2.3 މިލިއަނަށްވުރެ އިތުރަށް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކުރިއަށް އޮތް އަހަރުތަކުގައި މި އެއްބަސްވުމުގެ ސަބަބުން އަހަރަކު ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލިވަޕޫލް އާއެކު އެމްއެމްޕީއާރުސީން ސޮއިކުރި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރާއި ހަ މަސްދުވަހެވެ.
""ފުޓުބޯޅަ ކުލަބަކާއެކު އެއްބަސްވެއްޖެއްޔާ ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނެވޭނެ. ރައީސް ނިންމެވީ މިކަން ފަހިކުރުމަށް. ހާއްސަކޮށް މިއީ ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމެއް." ޕީއެސްއެމް އާ ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވި އެވެ.
އިއްޔެ ދެއްވި އިންޓަވިއުގައި މިނިސްޓަރު ވަނީ ލިވަޕޫލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުން ތިބި، ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް 397 މިލިއަން މީހުންނަށް އަހަރެއްގެ މަތިން ރީޗުވާ ކްލަބެއް ކަން ފާހަގަކުރައްވާފަ އެވެ. އަދި، އެ ކްލަބު މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރާ ކޮންމެ ޕޯސްޓެއް މި ބޮޑު ފޭން ބޭސްއަށް ރީޗުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެ ޕްރޮމޯޓު ކުރުމުގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވިސިޓް މޯލްޑިވްސް އިން އިސްނަގައިގެން ކުރާ މަސައްކަތްތަކަށް ލިވަޕޫލުން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށްވެސް އެ ކްލަބުން ބުނެފައިވެ އެވެ.
ލިވަޕޫލް ނިސްބަތްވާ އިނގިރޭސިވިލާތަކީ މި އަހަރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައި ޓޫރިސްޓުން އައި ގައުމެވެ. އެ ކްލަބުގެ އެތައް މިލިއަން ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭއިރު ރާއްޖޭގެ އާބާދީގައިވެސް ލިވަޕޫލް ސަޕޯޓަރުންގެ އަދަދު ގިނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ