ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެެދިލެއްވި ގޮތަށް އަމީނީމަގު ހެދުމަށް ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މައްޗަށް ނެރުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ލޯފާމެއް ކަމަށްވާ ޝުނާނާ އެންޑް ކޯ އެލްއެލްޕީންނެވެ.
އަމީނީ މަގުގެ ގަސްތައް ހުއްޓުވަން ހުށައަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރަކަށް އެމަނިކުފާނު އެދިވަޑައިގެންނެވި ހައިިސިއްޔަތާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެފަރާތަކީ ދިވެހި ރައްޔިތަކަށްވާއިރު ދިވެހިރާއްޖޭގެ ތިމާވެއްޓަށްވާނެ ގެއްލުންތަކަކީ ރާއްޖޭގެ ރައްޔިތެއްގެ ހައިސިއްޔަތުން އެފަރާތައްވެސް ވާނެ ގެއްލުމެއް ކަމަށްވާތީއެވެ.
ނަމަވެސް ކޯޓުން ނިންމީ އެމަނިކުފާނު ވިދާޅުވި ފަދަ ހައިސިއްޔަތެއް މިއަމުރު ނެރުމުގައި އެމަނިކުފާނުގެ ނެތް ކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަގުތީ އަމުރަކަށް އެދިވަޑައިގެންނެވި ސަބަބެއްގެ ގޮތުގައި އޮތީ އެ ދައުވާއިން ބޭނުންވާ ފަރުވާ، މަޝްރޫއު މަޑުޖައްސާނުލައިފިނަމަ ނުލިބޭނެ ކަމަށެވެ. އަދި ގަސް ކަނޑުން ހުއްޓާނުލައިފިނަމަ، މައްސަލައިގެ ހުކުމަށް އަންނައިރު މައިގަނޑު މައުޟޫއުގެ ބޭނުން ކެނޑޭނެ ކަމަށް ވެސް އޭގައިވެއެވެ.
ސިވިލް ކޯޓުގެ ޣާޟީ މަރިޔަމް ވަހީދާ މިއަދު ނެރުއްވި ނިންމުމުގައި ވަނީ، ވަގުތީ އަމުރަކަށް އެދުމަށް ފުރިހަމަވުމަށް ގާނޫނުގައި ޝަރުތުތައް މިމައްސަލާގައި ފުރިހަމަނުވާ ކަމަށެވެ.
އެގޮތުން ވަގުތީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެފައެއް ނެތް ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިއާދަނުކުރެވޭނެ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭކަން އެނގޭކަށް ވެސް ނެތް ކަމަށް އޭގައިވެއެވެ.
އެ މަސައްކަތް ފެށުމަށް ގަސްތައް ކަނޑަމުންދާތީ އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން އާރްޑީސީއިން ބުނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށް ފަހު، ޕިކްނިކް އައިލެންޑުގެ ގޮތުގައި ތަރައްގީކުރާ ކުޑަގިރި އަށް ބަދަލުކުރާނެ ކަމަށެވެ.
އެއަށްފަހު، މަގު ހަދާ ނިމުމުން އެ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި އިންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އާރްޑީސީއިން ބުނީ، އަމީނީ މަގު ހެދުމުގެ މަސައްކަތް ޕްލޭން ކުރީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ވިޔަސް ފެނާއި ނަރުދަމާ އަދި އެހެނިހެން ނެޓްވޯކްތަކުގެ މައި ހޮޅިތައް ވަޅުލާފައިވާތީ އެ ކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިދިޔަ މަހުގެ 30 ގައި އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށިއިރު އެ މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި އެ މަގުގެ ބައެއް މިހާރު އޮތީ ބަންދުކޮށްފަ އެވެ. ޖުމުލަ 84 މިލިއަން ރުފިޔާގެ އެ މަޝްރޫއު 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ކޯޓުން ނުދިން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ