އާއިލާގެ ނުރުހުމުގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާލައިފި

އާއިލާގެ ނުރުހުމުގައި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާއަށް މިއަދު ފޮނުވާލައިފިއެވެ. އަބްދުﷲ ރަޝީދު މަރުވީ މިދިޔަ އަންގާރަ ދުވަހު ގދ. ހޯނޑެއްދުއިން ފުލުހުން އޭނާ ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި އޭނާ މަރުވެފައި ވަނީ ފުލުހުންގެ އިހުމާލުގެ ސަބަބުންނެވެ. އަދި އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނޫން ކަމަށް އާއިލާއިން ބުނި ނަމަވެސް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ވަނީ ޕޯސްޓްމޯޓަމް ހަދަން ނިންމައިފައެވެ. އޭގެ ސަބަބުން އާއިލާއިން އަބްދުﷲގެ ހަށިގަނޑި ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅިއެވެ. ސިވިލް ކޯޓުން ވަނީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވަން ޖެހޭނެ ތަނެއް ނެތް ކަމަށް އިއްޔެ ނިންމާފައެވެ. އެއާ އެކު އަބްދުالله ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު ހެނދުނު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް އެންއައިސީން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ. ޕޯސްޓްމޯޓަމަށްފަހު ހަށިގަނޑު ރާއްޖެ ގެންނާނެ ކަމަށް ވެސް އެންއައިސީން ބުންޏެވެ. ނަމަވެސް ހަށިގަނޑު ރާއްޖެ ގެންނާނެ ސީދާ ތާރީހެއް އެންއައިސީން އަދި ހާމަ ކޮށްފައެއް ނުވެއެވެ. އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމުގެ ކުރިން ރޭ އޭނާގެ މޫނު ވަނީ އާއިލާއަށް ދައްކައިފައެވެ. އަބްދުﷲ މަރުވީ އޭނާ ހައްޔަރު ކުރުމަށް ފަހު ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާގެ މެންބަރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ