ގާޒީ ޒިޔާދާގެ ސުލޫކީ މައްސަލައެއް ބަލަނީ

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޒިޔާދާ ތޯހިރުގެ މައްސަލަ ތަހުގީގު ކުރަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ.
ޒިޔާދާ ތޯހިރުގެ މައްސަލަ ތަހުގީގު ކުރަން މިހާރު ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.
ޒިޔާދާ ތޯހިރުގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީ އިން ދަނީ ތަހުގީގު ކުރަމުންނެވެ.
އެއީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ.
ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންދާއިރު ބައެއް ފަނޑިޔާރުން ދަނީ ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން އަމިއްލަފުޅަށް އިސްތިއުފާ ވެސް ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ