އެމްޑީޕީ އަތުން އައްޑޫ ބީވެގެން ހިނގައްޖެ: ޔާމީން

އެމްޑީޕީ އަތުން އައްޑޫ ސިޓީ ބީވެގެން ހިނގައްޖެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައްޑޫއަކީ މާލެ ފިޔަވައި އެމްޑީޕީއަށް އެންމެ ތާއީދު ބޮޑު ސިޓީ އެވެ. ނަމަވެސް ޔާމީން މިއަދު އައްޑޫއަށް ވަޑައިގެންނެވުމުން އެ ސިޓީން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.
މިއަދު ހަވީރު ފޭދޫއަށް ވަޑައިގެން އެ އަވަށުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ, އެ މަނިކުފާނުގެ ދަތުރުފުޅާ ދިމާކޮށް ގޮނޑިއެއްހާ މިންވަރުވެސް ނުދިނުމަށް ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި ދަތުރުފަތުރުގެ ފަސޭހައަށް ބަހެއް ދިނުމަށްވެސް ދެކޮޅު ހެދި ކަމަށް ވިދާޅުވި އެވެ.
“އެ ބޭފުޅުންނަށް މި އަދަތުތައް ފެނުނު. އަދި އެ ބޭފުޅުންނަށް ފެނޭ އެ ބޭފުޅުންގެ ރައީސް ވަޑައިގަތީމަ މެހެމާންދާރީ ކިޔާގޮތް ވެސް. މި ހުރިހާ ހިފެހެއްޓުމަކާ އެކީ ވެސް އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި، އަޅުގަނޑުގެ ޓީމަށް ތި ކީ މަރުހަބާ އިން އެބޭފުޅުންނަށް (އެމްޑީޕީ) ބޮޑުތަނުން އެނގިވަޑައިގަންނަވާ ކަންނޭނގޭ އައްޑޫ ސިޓީ އެ ބޭފުޅުންގެ އަތުން ބީވެގެން ހިނގައްޖެކަން,” ޔާމީން ވިދާޅުވި އެވެ.
ޔާމީން އައްޑޫއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅަކީ މިއީ ޖަލުން މިނިވަންވެ ވަޑައިގެންނެވުމަށްފަހު އެ މަނިކުފާނު އައްޑޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ