ޙަޤީޤީ ޙާދިސާ: "ގޭގެވެރިން ޗޮކްލެޓް ކައިފަ އުކާލާ ކަރުދާހުގައި ދޫލީމެވެ!": މިހާރު ހިތްފުރި އިތުރުވާވަރަށް ފައިސާ ލިބޭ އަންހެނެއްގެ ވާހަކަ-

އެއީ 30 ވަރަކަށް އަހަރުގެ ޒުވާން ދެމަފިރިންނެވެ. ދެމަފިރިންވެސް މަސައްކަތްކުރަނީ ގޭގައި ތިބެގެންނެވެ. އެހެންކަމުން އެއްކޮޓަރި ހުންނަނީ އޮފީހަކަށް ޚާއްޞަކޮށްފައެވެ. 
ގޭތެރެ ސާފުކޮށް ގޭގެ ކަންކަންކޮށް ކައްކައި ހަދަން ހަމަ އެމީހުން ފަދަ ޒުވާން އަންހެންކުއްޖަކު ގެންގުޅެއެވެ. އެއީ ވަރަށް ރީތިވެސް ކުއްޖެކެވެ. އެހެންވެ ކޮންމެ ވަޤުތަކުވެސް ފިރިމީހާގެ ހިތް ބަދަލުވެދާނެތީ އަނބިމީހާ ހުންނަނީ ވަރަށް ބިރުންނެވެ. އެހެންވެ އޭނާ ފޮނުވާލަން އުޅޭއިރަށް ފިރިމީހާ ބުނަނީ ކުށެއއް ނުފެންނަނީސް ނިކަމެތިކުދިން ވަޒީފާއިން ވަކިކުރަން ހެޔޮނުވާނެ ކަމަށެވެ. 
ނިކަމެތި އަންހެންކުދިން ވަރަށް ގިނަވާނެ ކަމަށާއި އެހުރިހާ އެންމެންނަށް ވަޒީފާ ދީގެން ގެންގުޅޭނީ ކިހިނަކުންތޯ އަނބިމީހާ ސުވާލުކުރުމުން ފިރިމީހާބުނީ މާގިނަބައަކަށް ވަޒީފާ ނުދެވުނު ނަމަވެސް ވަޒީފާގައި ގެންގުޅޭ މީހާއަށް ހެޔޮކޮށް ހިތުމުން ﷲ އެކަން ބައްލަވައިވޮޑިގެންވާނެ ކަމަށެވެ. ދީނުގައި ކޮންމެ ކަމެއްވެސް ކުރަން އޮންނަނީ އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކަމަށެވެ. 
އަނބިމީހާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ފިރިމީހާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި ފިރިމީހާގެ ޝޯރޓެއްގެ ޖީބަށްލާފައި އެ ޝޯޓް އިސްތިރިކުރަން ބުންޏެވެ. އެދުވަހަކީ ނޯކަރު އަންހެނާގެ މަންމަ ބަލިވެގެން މުސާރިން ކުރިއަށް ފައިސާކޮޅަކަށް އެދިފައިވާ ދުވަހަކަށްވާތީ މެޑަމް ހީކުރީ އޭނާ އެފައިސާ ސިއްރުން ނަގާނެ ކަމަށެވެ. 
އިސްތިރިކޮށްގެން ގެނައިއިރު ޖީބުގައި އެފައިސާ ނެތުމުން ބާރުބާރަށް ގޮސް އެކަމުގެ ޝަކުވާ ފިރިމީހާއަށް ކޮށްފައި އޭނާ ފޮނުވާލަން އަދިވެސް ނުވަނީތޯ ސުވާލުކުރުމުން ފިރިމީހާ އެދުނީ ނޯކަރު ގެނައުމަށެވެ. އޭނާ އައުމުން ވޮލެޓް ނަގާފައި އަނބިމީހާއަށް ދައްކާލާފައި ބުންޏެވެ. "މިހިރީ އަހަރެންގެ ސޯޓުގެ ޖީބުން ފެނިގެން ނޯކަރު އަހަރެންނަށް ގެނެސްދީފައިހުރި ފައިސާއެވެ. އޭނާގެ މަންމަ ބަލިވެއުޅޭތީ މިފައިސާ އޭނާއަށް ހަދިޔާކުރީއެވެ." 
ޖަވާބުގައި ނޯކަރު ބުނީ ކުރި ހެޔޮކަމަކަށް ބަދަލު ބޭނުންނުވާ ކަމަށާއި މުސާރައިން ފައިސާކޮޅެއް ދިނީމާ ފުއްދައިލެވޭނެ ކަމަށެވެ. އެއަޑު އިވުމުން ދެމަފިރިންނަށްވެސް ވަރަށް އަސަރުކުރިއެވެ. އޭނާގެ ތެދުވެރިކަން ބޮޑުވެފައި އެއްވެސް މިންވަރަކަށް ދަހިވެތިކަން ނެތުމުން ބޮސް ޤަޞްދުކުރީ އޭނާގެ މުސާރަ ދެގުނައަށް ބޮޑުކުރާށެވެ. އެއީ ގޭގައި ގެންގުޅެންވެސް ތެދުވެރިން މިޒަމާނުގައި ލިބެނީ ވަރަށް މަދުން ކަމުގައިވާތީއެވެ. އަނބިމީހާވެސް އެކަން ޤަބޫލުކޮށް ތާއީދުވެސް ކުރިއެވެ. 
މެޑަމް ބުންޏެވެ. "ކަލެއަށް ޝައްކުކޮށް އެކަންކުރެވުނީތީ މާފުކުރާށެވެ. އަދި ކުރެވުނު ޝައްކުގެ މައްޗަށް ކަލޭ ގާތުގަ އަހައިވެސް ނުލާ ފިރިމީހާ ގާތު ޝަކުވާ ކުރެވުނީތީވެސް މާފުކުރާށެވެ. ކަލެއަކީ ތެދުވެރިއަކަށްވުމުން ކަލޭގެ މުސާރަ ބޮޑުކޮށްދޭން ފިރިމީހާ މިއަދު އެނިންމީ މިކުރި އިމްތިޙާނުން ކަލޭ ފާސްވީމައެވެ. އިމްތިޙާނު ނުކުރެވުނުނަމަ ފާހެއް ނުވީހެވެ. ވީމާ މިކުރެވުނު ކަންތަކުގައި އެއްވެސް ގޯހެއް އޮތްކަމަށް ޤަބޫލުކުރާކަށްވެސް ނެތީމެވެ." 
މިނޯކަރުގެ ތެދުވެރިކަންބޮޑުކަމުގެ ވާހަކަ ޢާއިލާގެ ތެރޭގައި ފެތުރުމާއިއެކު އޭނާގެ އަގު އަރައިގެންދިއައެވެ. ދެމަފިރިންގެ ޢާއިލާގައިވެސް މިވާހަކަ ފެތުރުނެވެ. ނަތިޖާއަކަށްވީ ފިރިމީހާގެ އަންހެން ކޮއްކޮގެ ޢާއިލާގައި ހުރި ރީތި، ތަނަވަސް ޒުވާނަކު އޭނާއާއި ކައިވެނިކުރުމެވެ. 
މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރުކުރު ޚުލާޞާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ގެނެސްދޭން ބޭނުންވީ ނޯކަރެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް ތެދުވެރިވުމުން އެކަމަށް ދެއްވަވާ ޖަޒާގެ ފައިދާ މާބޮޑުވާނެ ކަމަށް ބުނުމަށެވެ. 
މިއަދު އެންމެންވެސް މިތިބީ ނުފުދިފައެވެ. ކުރަން ބޭނުންވާ ޚަރަދުތައް ނުކުރެވިފައެވެ. ބޮޑަށް މަދުވެގެން އުޅެނީވެސް މިލިއަނަރުންނެވެ. އެމީހުންކުރާ ވައްކަންތައް ބޮޑެތިވެފައި މާގިނަވާނެއެވެ. ވައްކަންކުރަން މޮޅުވީމާ ފަޅާއެރުން މަދުވަނީއެވެ. ވީމާ ވައްކަން ކުރުމަކީ ހަމައެކަނި ނޯކަރުން ނުވަތަ ފަޤީރުން ކުރާ ކަމެއްކަމަށް ބުނެވޭކަށް މިއަދަކު ނެތެވެ. 
އަޅުގަނޑަކީވެސް ވަރަށް ނިކަމެތި ޙާލުގައި ގޭގޭގައި ނޯކިރީކޮށްދީގެން ދިރިއުޅެމުން އައި އަންހެނަކީމެވެ. ވެރިން ނުދޭ އެންމެ ބައިރުފިޔާއެއްގެ ބޭނުންވެސް ކޮށްފައެއް ނުވާނެއެވެ. ޙަލާލް ނޫން ގޮތުގައި އެންމެ ކުޑަމިނުން ކާއެއްޗެއްވެސް ނުކަމެވެ. ގޭގެވެރިން މީރު އެއްޗެތިކާއިރު ވަރަށް ދަހިވެސްވެއެވެ. ބައެއް ފަހަރު ޗޮކްލެޓްގެ ކަރުދާސް އެއްލައިލީމާ އެއިގައިވެސް ދޫއުނގުޅާ ލެވެއެވެ. 
އެއީ އެދުވަހެވެ. މިއަދު އެތިބީ 4 ދަރިން ބޮޑެތިވެ ބޮޑުމުސާރަލިބޭ ރަނގަޅު ވަޒީފާތަކުގައެވެ. ފިރިމީހާގެ މުސާރައާއި 4 ދަރިންގެ މުސާރައާއި ގޭގެ ކުއްޔާއިއެކު މަހަކު 400،000 ރުފިޔާ އަތްމައްޗަށް އަރައެވެ. އެއިން ކޮންމެ ޚަރަދެއްކުރިނަމަވެސް އެއްވެސް ދަރިއަކުވެސް ފިރިމީހާވެސް އެއްވެސް އެއްޗެއް ނުބުނާނެއެވެ. އަދި އެއިގެ އިތުރުން ދަރިން އެހުންނަނީ ޗޮކްލެޓާއި އެނޫންވެސް އަޅުގަނޑަށް މީރުހައި ތަކެތި އަޅައި ފްރިޖްތައް ފުރައިފައެވެ. މިއީ އެދުވަހު އެގޮތަށް ކެތްތެރިވި ކަމުގެ ނަތީޖާއެވެ. 
އަޅުގަނޑު ބޭނުންވަނީ އެންމެންނަށްވެސް ހަމަ މިނަޞޭޙަތްދޭށެވެ. ކިތަންމެ ދަތިޙާލުގައި އުޅެން ޖެހުނު ނަމަވެސް ވައްކަން ނުކުރާށެވެ! ތެދުވެރިވާށެވެ! އެކަމަށް ޙައްޤު ޖަޒާ މިދުނިޔޭގައިވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 
އަދި ބުނަންހެއްޔެވެ؟ ބައިރުފިޔާއަކުންވެސް ކާއެތިކޮޅަކުން ނަމަވެސް ވައްކަންކުރުމުގެ ނުބައި އާދަ ހަރުލައިފިނަމަ ހަށިވިއްކަން ނުނިކުންނަ އަންހެނަކު ވަރަށް މަދުވާނެއެވެ. އެއީ މިހުރިހާ ކަންކަން ވެސް ގޮސް ގުޅި ލާމެހެނީ ހަމައެންމެ ކަމަކާއެވެ. ހިތް ނުފުރުމާއިއެވެ. ވައްކަންކުރަނީވެސް ހަށިވިއްކަން ނުކުންނަނީވެސް ހަމަ ހިތް ނުފުރޭތީއެވެ.
- ސަންފަ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ