އޭދަފުށީގެ 28 އަހަރުވީ ކަރަންޓް ކޭބަލްތައް ހައިވޯލްޓޭޖް ކޭބަލްތަކަށް ބަދަލުކުރަނީ

އަސާސީ ޙިދުމަތްތަކަށް ބަލާއިރު މި ޒަމާނުގައި އެންމެ މުހިންމު އެއް ޙިދުމަތަކީ ކަރަންޓްގެ ޙިދުމަތެވެ. އެޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭތީ ސަރުކާރުން އެކަންކަން ހައްލު ކުރުމަށްދަނީ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން މި ޙިދުމަތް ބޭނުންޖެހިފައި އޮތް ރަށްތައް ދެނެގަނެ އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތުގެ ދަށުން އޭދަފުށީ ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ.
އޭދަފުށި އުމްރާނީގޮތުން ތަރައްޤީވި މައިގަނޑު އެއް ސަބަބަކީ އަސާސީ ޙިދުމަތްތައް ފުރިހަމަވެފައި ވުމެވެ. އެންމެ ފުރަތަމަ މިރަށުގައި 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދޭން ފެށީ 1994 ވަނަ އަހަރުއެވެ. އޭރު ކަރަންޓް 24 ގަޑިއިރު ފޯރުކޮށްދޭ މަދު ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނިގެން ދިޔައެވެ. ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ޤާއިމް ކުރި ކަރަންޓް ވިއުގައިއިން ކަރަންޓް ފޯރުކޮށްދޭތާ މިހާރު 28 ހަކަށް އަހަރުވީއެވެ. އަދިވެސް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަނީ އޭރު އަޅާފައި އޮތް ކޭބަލްތަކެވެ. އޭދަފުށްޓަށް ދިމާވެފައި އޮތް މައިގަނޑު އެއް މައްސަލައަކީވެސް މީއެވެ. ކޭބަލްތައް ހިމަވެ ކަރަންޓް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުމެވެ.
މީގެ 28 އަހަރު ކުރިން އެޅި ހިމަ ކޭބަލްތައް އެޒަމާނަށް ރަނގަޅެވެ. އެހެންނަމަވެސް މިހާރު ޒަމާނަށް އަންނަމުންދާ ބަދަލާއެކީ، ކަރަންޓް ބޭނުން ކުރާ އަދަދު މިވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އެހެންކަމުން އެކަށީގެންވާ ގޮތެއްގައި ނުވަތަ ހަމައަށް ވޮލްޓޭޖް ނުލިބޭ ހިސާބުތައް ގިނަވެ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމާ ގުޅިގެން އިންޖީންތަކަށް ބާރުބޮޑުވެ، އިންޖީންތަކަށް މައްސަލަ ދިމާވުމާއި، ކަރަންޓް ކޭބަލްތައް ބަޑިޖެހުންފަދަ ކަންކަން އަންނަނީ ކުރިމަތިވަމުންނެވެ.
ކަރަންޓް ބޭނުން ކުރާ ގުނަ އިތުރު ވަމުންދާ މިންވަރަށް ބަލާނަމަ 2000 ގެ ކުރީކޮޅު ބޭނުން ކުރަނީ 500 އެއްހާ ކިލޯވޮޓްގެ ކަރަންޓެވެ. އެކަމު މިހާރު ޖުމްލަކޮށް 1400 ކިލޯވޮޓްގެ ކަރަންޓް ބޭނުންކުރެއެވެ. އެވްރެޖްކޮށް ކަރަންޓް ގެއަކަށް ލިބެންޖެހޭ އެންމެ މަދުމިނަކީ 220 ކިލޯވޮޓްއެވެ. އެހެން ނަމަވެސް މި ރަށުގެ ބައެއް ހިސާބުތަކަށް 180 ކިލޯވޮޓްއަށް ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ ކަރަންޓް ކޭބަލްތައް ހިމަވުމެވެ.
އުމްރާނީ ތަރައްޤީގައި ގުނާލެވޭ އޭދަފުށީގެ ކަރަންޓް ކޭބަލަތައް ބަދަލު ކުރުމުގެ މަސައްކަތް މީގެ 6 އަހަރު ކުރިންވެސް ދެކެވުނެވެ. އެކަމުއެކި ސަބަބުތަކާހުރެ އެކަންވަނީ ކުރެވޭގޮތްނުވެވިފައެވެ. އެހެންނަމަވެސް އެކަމަށް ހައްލުހޯދައި ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު މިވަނީ ފަށާފައެވެ. އެކަމަށް އަންނަ އަހަރު ހައްލު ލިބިގެންދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
އޭދަފުށީ ފެނަކަ ބްރާންޗު ހިންގެވުމާ ހަވާލުވެހުރި، ހަނީފް އިބްރާޙިމް ވިދާޅުވީ، މި މަސައްކަތް މިހާރު ފެށިގެން ބާރަށް ކުރިއަށްދާކަމަށެވެ. ކަރަންޓްގެ މި މައްސަލަ ހައްލު ކުރެވޭނީ ޓްރާސްފޯމަރުތަކެއް ބަހައްޓައިގެން އެމެދުވެރިކޮށް ކަރަންޓް ފޯރުކޮށްދޭން ފެށިގެންނެވެ. ހައިވޯލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް ފަށާފައިވަނީ ރަށުގެ 5 ސަރަހައްދުގައި ބަހައްޓާ ޓްރާސްފޯމަރުތަކަށެވެ. ޖުމްލަ 7 ޓްރާސްފޯމަރެއް ބަހައްޓާއިރު، ދެ ޓްރާސްފޯމަރު ބަހައްޓާނީ ފެނަކަ އިމާރާތުގައެވެ. މިކަމުގެ ސަބަބުން މަދުވެގެން 220 ވޮލްޓޭޖްގެ ކަރަންޓް ރަށުގެ ހުރިހާ ހިސާބަކަށް ލިބޭނެކަމަށް ހަނީފް ވިދާޅުވިއެވެ.
"މިހާރު މިރަށުގެ ބައެއް ހިސާބުތަކަށް 180 ކިލޯވޮޓް ކަރަންޓް ލިބޭ ހިސާބުތައް އެބަހުރި، އެއީ ވަރަށްދަށް މިންވަރެއް އެހެންވީމަ ބިލުވެސް ބޮޑުވާނެ، މީ މިރަށުގައި ފުޅާކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް އަސާސީ ހިދުމަތް، މިކަން މި ފެށުނީ، ނިމިގެންދާއިރު ރަށުގެ 5 ސަރަހައްދެއްގައި ޓްރާސްފޯމަރުތައް ހުންނާނީ ބެހެއްޓިފަ، އިންޖީނުގެއަށް ލޯޑު ކުޑަވެ ކަރަންޓްގެ ވިއުގަ ރަގަޅުވެ، ބިލު ބޮޑުވުމާ ކޭބަލްތައް ބަޑިޖެހުމުން ކަރަންޓް ކެނޑުންވެސް މިކަން ނިމުމުން ހައްލު ލިބިގެންދާނެ"
ކަރަންޓް ބޭނުން ކުރުމުގައި ދިމާވާ މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މިސަރުކާރުން ފެށީ 2019 ވަނައަހަރުއެވެ. އެންމެ ފުރަތަމަ ކުރިން ބޭނުން ކުރި އިންޖީންރޫމް ބޮޑުކޮށް މަރާމާރު ކުރިއެވެ. އެއަށްފަހު 1 މެގަ ވޯޓްގެ ޖަނަރޭޓަރ ސެޓެއް ގެނަސް ކަރަންޓް ފޯރުކޮށްދޭ ކެޕޭސިޓީ އިތުރު ކުރިއެވެ. އަދި މިދިޔަ މަހު 1.2 މެގަ ވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެނަސް މިހާރު އެއިން ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކޮންމެއަކަސް ސަރުކާރުން އޭދަފުށީގައި މިފެށީ ބޮޑު ބިޔަ މަސައްކަތެކެވެ. އެއީ ރައްޔިތުން ކަރަންޓް ބިލު ބޮޑުވާ މައްސަލައަށްވެސް ލިބޭނެ ބޮޑު ހައްލެކެވެ. މިއީ ރަށުގެ ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތެއްކަމަށް އެރަށު މީހުން ޤަބޫލު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ