މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި އުމަރު ނަސީރު ވިދާޅުވީ މިހާ ބޮޑަށް ދޮގު ހަދައި، އޮޅުވާލައިގެން ވެރިކަމަށް އައި ބަޔަކު ދުނިޔޭން ވެސް ނުދެކޭ ކަމަށާއި، އަދި މިހާ ފާާޅުކަން ބޮޑުކޮށް ވައްކަން ކުރާ ސަރުކާރެއް ވެސް ފެނިފައި ނެތް ކަމަށެވެ.
ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލިއްޖެ ކަމަށާއި ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު ރައީސް މުއިއްޒު “އޮރިޔާން”ވެ، އިންތިހާބުން ބަލިވެ ދާންޖެހޭނީ ގެއަށް ކަމަށް އުމަރު ވިދާޅުވި އެވެ.
“ދޮގުތައް އައިސް [ރައީސް މުއިއްޒުގެ] ގައިގައި ޖެހޭނެ،” އޭނާ ވިދާޅުވި އެވެ.
މަގުމަތިން ބޮޑު އިންގިލާބެއް ގެނައުމުގެ ބަދަލުގައި ވޯޓު ފޮށިން ވެރިކަން ބަދަލު ކުރަންޖެހޭ ކަމަށާއި ނަމަވެސް މަގުމަތިން އެކަން ކުރަން ޖެހިއްޖެ ނަމަ ދިވެހިން އެކަން ނުކުރާނެ ކަމަށް ރައީސް މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
“ދިވެހިންނަކީ ހުކުރުން ފައިބައިގެން ގުޅަކުޅޭ ފަސްގަނޑަށްގޮސް ރަސްގެފާނު ބަދަލު ކުރާ ބައެއް. މުއިއްޒު ހީފުޅު ކުރައްވައިގެން ނުވާނެ މުޒަހަރާ އެއްޗެހި ކޮށްގެން ސަރުކާރު ބަދަލު ކޮށް ނުލާނެއޭ. އެ ހިސާބަށް ގޮސްފިއްޔާ އަޅުގަނޑު ވެސް ނުކުންނާނަން،” އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ގެނައީ މައިގަނޑު ދެ ކަމަކަށް ކަމަށާއި، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމާއި ރާއްޖޭގައި ގާއިމުވެފައި އޮތް އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމަށް ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ.
ނަމަވެސް މިހާރު ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ އަސްކަރިއްޔާ އެބަ އޮތް ކަމަށާއި އަދި މި ސަރުކާރުން ޔާމީނަށް ހުކުމް ޖަހައި ޖަލަށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“”ކޮބައިތޯ ލަދު ހަޔާތް،” ރައީސް ޔާމީނަށް އިއްވާފައި އޮތީ ހަރާމް ހުކުމެއް ކަމަށް، މި ސަރުކާރުގައި ތިއްބެވި ވެރިން ކުރިން ވިދާޅުވެފައި، އެ މަނިކުފާނު މިނިވަން ނުކޮށް ޝަރީއަތް ހިންގަން މަސައްކަތް ކުރާތީ އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން އުމަރު ވިދާޅުވި އެވެ.
“އަޅުގަނޑު ބަސް ހުއްޓޭ އެ ބޭފުޅުން އެ ދުވަހު ދެއްކި ވާހަކަ އާއި އެ ދުވަހު ރުއި ރުއިމާ، މިއަދު އަމަލުކުރާ ގޮތާ ފެނުނީމަ.”
އުމަރު ވިދާޅުވިއެވެ.
ވައްޓާލަން ޖެހިއްހެއްޔާ ރައްޔިތުން ނިކުމެ މުއިއްޒުގެ ސަރުކާރު މަތިންވިޔަސް ވައްޓާލާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ