ގޯތި ވައްކަމުގައި ހެކި ނައްތާލަން ފުރުސަތު ދީފި

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައިގައި ހެކި ނައްތާލަން ފުރުސަތު ދީފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެ މައްސަލަ އޭސީސީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން ގިނަ ބައެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި މައްސަލައިގައި ބައެއް ފަރާތްތައް ސަސްޕެންޑްކޮށް ޕާސްޕޯޓް ހިފެހެއްޓި ނަމަވެސް އެއްވެސް މީހެއްގެ މުއާސަލާތީ އެއްވެސް އެއްޗެއް ހިފަހައްޓާފައި ނުވާ ކަމަށާއި މިއީ މިފަދަ ބޮޑު މައްސަލައެއްގެ ހެކި ނައްތާލަން ދެވޭ ފުރުސަތެއް ކަމަށެވެ. އަދި އެފަދަ މުވާސަލާތީ ތަކެއްޗަކީ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުން ތަހުގީގު ކުރަން ބޭނުންވާނެ ތަކެތި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އެ ފޯނުތައް އަތުލާފައި، ޓެބްތައް އަތުލާފައި ބަލާލިއްޔާ ދެއްތޯ އެނގޭނީ އޭގައި މުއާމަލާތު ކޮށްފައި ހުރީ ބައެއްތޯ. އެ އުޅެނީ ހަމަ ހެކި ނައްތާލަން ފުރުސަތު އެދެނީ. ހެކި ނައްތާލަން ފުރުސަތު އެދެނީ. މިހާރު ދެން ފޯނުތައް އެއްލާލަންވީ އަޅުގަނޑު މި ވާހަކަ ދެއްކީމަ. އެހެންވީމަ އެ އޮތީ ފުލުހުން ފުރުސަތު ދީފައި،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ސީރިއަސް ކަމެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި މިހާރު ފަޒުލް ހުންނަން ވާނީ ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައި ކަމަށްވެސް ވިދާޅުވި އެވެ.
ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ މިނިސްޓަރު މުޙައްމަދު މައުރޫފް ޖަމީލް އިއްޔެ ވަނީ އައްޔަން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ