ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއިދުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ ބުރާސްފަތިދުވަހު ހުށަހެޅި ގަރާރަކީ ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން އިޒްރޭލުން އުފުލަން ޖެހޭ ޒިންމާތަކާ ބެހޭގޮތުން ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދިފައިވާ ގަރާރެއް ކަމަށެވެ.
އދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ހުށެހެޅީ ނޯވޭގެ އިސްނެގުމާ އެކީ، އެހެން ގައުމުތައް ވެސް ހިމެނޭ ގްރޫޕަކުންނެވެ.
އެ ގަރާރު ފާސްކުރީ ރާއްޖެ ހިމެނޭހެން 137 މެންބަރު ގައުމުގެ ވޯޓުންނެވެ. އެ ގަރާރު، ރާއްޖެއިން ވަނީ ކޯ-ސްޕޮންސާކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އިންޓަނޭޝަނަލް ކޯޓަށް ހުށަހެޅި ގަރާރަކީ އދ. އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެނިހެން ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ދަމަހައްޓަން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ގަރާރަށް ލިބިފައިވާ ތާއީދަކީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ގާއިމްކުރަން ކުރާ މަސައްކަތަށް ލިބިގެންދާ ބާރެއް ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ގައުމުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ހުއްޓުވުމާ ދެކޮޅަށް ރާއްޖެ އިން އަންނަނީ އަޑު އުފުލަމުންނެވެ. އިޒްރޭލާ ދެކޮޅަށް ތެދުވެ، މުޅި ދުނިޔޭގެ ހުރިހާ ސިޔާސީ އަދި އިގުތިސާދީ ބާރެއް ބޭނުން ކުރަން ދިވެހި ސަރުކާރުން ވަނީ މިދިޔަ މަހު ވެސް ގޮވާލައިފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ އިން އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ އަރުވައިފަ އެވެ.
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަރާރަށް ރާއްޖެއިން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ