މިއަދު ބާއްވަން އޮތް މެމްބަރު ނާޒިމްގެ ޝަރީއަތްތައް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާ ޖިނާއީ ދައުވާތަކާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލްކުރި އަޑުއެހުންތައް އެ ކޯޓުން ކެންސަލްކޮށްފި އެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތަކެއް މަކަރާއި ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ ނާޒިމްގެ މައްޗަށް އުފުލާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ކުރިން ވަނީ ސުޕްރީމް ކޯޓުން ނިންމާލައިފަ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ނިންމާލާފައި ވަނިކޮށް މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް އެ ހަތަރު މައްސަލަ ވެސް ކުރިއަށް ގެންދަން ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަޑުއެހުންތައް ކެންސަލްކުރި ސަބަބެއް މިހާތަނަކަށް ސާފެއް ނުވެއެވެ.
އަޑުއެހުންތައް ނިންމާލުމުން އާންމުކޮށް ދެން އޮންނާނީ ހުކުމް ކުރުމެވެ.
ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުން ބަލަނީ އެ މައްސަލަ ދަށު ކޯޓުގައި މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯކަމާ މެދު ގޮތެއް ކަނޑައެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ