މެމްބަރު ސައުދު ޕީޕީއެމުން ވަކިކޮށްފި

ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ ރައްޔިތުންގެ މަޖިލީހުގެ ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން އެ ޕާޓީން ވަކިކޮށްފި އެވެ.
ޕީޕީއެމްގެ ސްލޫކީ ކޮމެޓީގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމެއްގައި ސުއޫދު ޕާޓީގެ މެމްބަރު ކަމުން ވަކިކުރީ ވަރަށް ފާޅުގައި ސަރުކާރާ އިދިކޮޅު ހައްދަވައި، ބަސް ވިދާޅުވަމުން ދާތީ ކަމަށެވެ.
ސައުދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމު އިސްލާހު ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާ ގުޅިވަޑައިގެން މި މަހުގެ ކުރީކޮޅު އެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ.
"ތިބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ ފަހަކަށް އައިސް (ސައުދު) ވާހަކަ ދައްކަވަމުން ގެންދަވަނީ ޕީޕީއެމާއި ރައީސްގެ ނިންމުންތަކާ ވެސް ހިލާފަށް. އެގޮތަށް އަމަލު ކުރެއްވި އެހެން ބޭފުޅުންނެކޭ އެއްގޮތަށް އަޅުގަނޑުމެން ނިންމީ ސައުދު ވެސް ޕާޓީން ވަކި ކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ އަސާސީ ގަވައިދުގައި ވެސް އޮންނަނީ ހުރިހާ މެމްބަރުން ވެސް އެ ޕާޓީގެ ފިކުރާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ.
ޕާޓީގެ މެމްބަރު ކަމުން ވަކިކުރީ އެކަމަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ފަހު އެކަމަށް އޭނާ އިޖާބަ ނުދެއްވުމުންނެވެ.
ޕީޕީއެމް ދެބައިވުމުން ސައުދު އެރުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފަޅިއަށެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ އެކި ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހުގައި ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ބަދުނާމުކުރުމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ބުނެ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް މިދިޔަ މަހު ފަހު ކޮޅު ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ