އަބްދުﷲ ހަމީދު މާލެ ވަޑައިގަތުމުން ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ އެ މަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ހަމީދު މާލެ ވަޑައިގަތުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ހަމީދަށް ނަޝީދު މަރުހަބާ ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ޓުވިޓާ މެދުވެރިކޮށެވެ. އެކަމުގައި އިތުރަށް އެއްވެސް ވާހަކަފުޅެއް ނަޝީދު ދައްކަފާއެއް ނުވެ އެވެ.
މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާއެކު އަބްދުﷲ ހަމީދު ވަނީ ދިރިއުޅުއްވުން ލަންކާ އަށް ބަދަލުކުރައްވައިފަ އެވެ. އެ ދުވަސްވަރު ނަޝީދުގެ ސަރުކާރުން ހަމީދުގެ މައްޗަށް އުފުލާފައިވާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި އަދިވެސް އެބަ އޮތެވެ.
ނަޝީދުގެ ސަރުކާރުން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ތަހްގީގުކުރި އެ މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު ހަމީދުގެ މައްޗަށްކޮށް، އެ މައްސަލަ ކޯޓަށް ފޮނުވީ ނޮވެމްބަރު 17، 2009 ގަ އެވެ.
އަބްދުﷲ ހަމީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި ކޯޓަށް ހާޒިރުވެ ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރުކޮށްދިނުމަށް 2011 ގައި ކޯޓުން އެދުނެވެ. ނަމަވެސް ހަމީދަކީ ހޯދާ ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ