ގާސިމް އިބްރާހިމް ވަގުތުން ދޫކޮށްލަން މައުމޫން ގޮވާލައްވައިފި

ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަގުތުން މިނިވަންކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ މިރޭ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާކަމަށެވެ. އަދި ގާނޫން އަަސާސީ ހުއްދަކުރާކަމެއް ކުރުމަށް މަސައްކަތް ކުރުމަކީ ކުށެއް ނޫންކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
"އޮނަރަބަލް ގާސިމް ވަގުތުން ދޫކޮށްލުމަށް ގޮވާލަން. ގާނޫން އަަސާސީ ހުއްދަކުރާކަމެއް ކުރުމަށް މަސައްކަތް ކުރުމަކީ ކުށެއް ނޫން." ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން އެ އިޝާރާތް ކުރައްވަނީ ގާސިމް ހައްޔަރުކުރަން ހޯދި ކޯޓް އަމުރުގައި މަޖިލީހުގެ ރައީސްއާއި ނާއިބް ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުގެ މެންބަރުންގެ ތާއީދު ހޯދުމަށް ގާސިމް މަސައްކަތް ކުރައްވާފައިވާކަމަށް ކުރެވޭ ތުހުމަތަށްކަމަށް ބެލެވެއެވެ.
މީގެ އިތުރަށް ރައީސް މައުމޫން ވިދާޅުވީ ގާނޫން އަސާސީއާއި، ގަވާއިދާއި އުސޫލުން މީހަކު މަގާމުން ވަކިކުރަން މަސައްކަތް ކުރުމަކީ ކުށެއްނަމަ އެމީހަކު އިންތިިޚާބު ކުރުމަށް މަސައްކަތް ކުރުންވެސް ވާނީ ކުށަކަށްކަމަށެވެ.
ގާސިމް ހައްޔަރުކުރުމަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއި އެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް އިބްރާހީމް މަޖިލީހުގެ އެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވާކަމަށް ވަނީ ބުނެފައެވެ.
އެ ތުހުމަތުތަކަށް ގާސިމް އިންކާރުކުރައްވާފައިވާއިރު، ސަރުކާރުން ގާސިމަށް ގާނޫނީ އިމުގެ ބޭރުން އަނިޔާކުރަމުންދަނީ މަޖިލީހުގައި ސަރުކާރަށް އޮތް ސުޕަމެޖޯރިޓީ ގެއްލި އިދިކޮޅު ހަރަކާތް ވަރުގަދަވުމުގެ ސަބަބުންކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ