މަޖިލީހުގެ ރައީސް ޖުވެނައިލް ކޯޓަށް ވަޑައިގަތުމަށް އެދި ފޮނުވި ދެންނެވުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޖުވެނައިލް ކޯޓަށް ވަޑައިގަތުމަށް އެދި އެ ކޮޓުން ފޮނުވި ދެންނެވުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.ސުޕްރީމް ކޯޓުން ނެރުނު މެންޑަމާސް އަމުރެއްގައި ވަނީ ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ މެޑިކަލް އިންޝުއަރެންސް ހަމަޖެހިފައި ނުވަނީ ކީއްވެގެންތޯ ސާފުކުރުމަށް މަޖިލީހުގެ ރައީސް މިއަދު 1:30 އަށް ޖުވެނައިލް ކޯޓަށް ވަޑައިގެން ދެއްވުން އެދި މިދިޔަ އާދީއްތަ ދުވަހު އެ ކޯޓުން ފޮނުވި ސިޓީން "ދަންނަވާފައިވާ ދެންނެވުންތަކަކީ ޖުވެނައިލް ކޯޓުން އަދާކުރަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތުގެ ބޭރުން ދަންނަވާފައިވާ ދެންނެވުންތަކެއް ކަމަށްވާތީ އެ ދެންނެވުންތަކަކީ ބާތިލް ދެންނެވުންތަކެއް ކަނޑައަޅައިފީމެވެ."އެ އަމުރުގައި ވާ ގޮތުގައި މި ގޮތަށް ކަނޑައެޅީ، އިދާރީގޮތުން ޖުޑީޝަރީ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމަށް ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައި ބަޔާންކޮށްފައިވާތީ އާއި ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާގެ މީހުންނަށް ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ލިބެންޖެހޭ އިންޝުއަރެންސް އެއް ހަމައަކުން ލިބިދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަކީ ޖުޑީޝަރީގެ އިދާރީ ކަންކަން ބަލަހައްޓާ ފަރާތުގެ މެންޑޭޓްގައި ހިމެނޭ ކަމަކަށް ވާތީ އެވެ.ސުޕްރީމް ކޯޓުގެ މެންޑަމާސް އަމުރުން އެނގޭގޮތުގައި ފަނޑިޔާރުންގެ ގާނޫނުގެ 39 ވަނަ މާއްދާގެ ހ. ގެ ދަށުން ފަނޑިޔާރުންނާއި ފަނޑިޔާރުންގެ 18 އަހަރު ނުފުރޭ ދަރިންނަށާއި އަނބިމީހާ ނުވަތަ ފިރިމީހާ އަށާއި މައިންބަފައިންނަށް ފޯރުކޮށްދޭން ޖެހޭ މެޑިކަލް ސްކީމްގެ ޚިދުމަތް ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންނަށް ލިބެމުން ނުދާތީ އެކަން ހަމަޖައްސަވައިދެއްވުމަށް އެދި މި މަހު 4 ގައި ޖުވެނައިލް ކޯޓުން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައިވެ އެވެ. ނަމަވެސް އެ ސިޓީގެ ޖަވާބު ދެއްވުމަށް ދަންނަވާފައިވާ މުއްދަތުގައި މަޖިލީހުގެ ރައީސް ޖަވާބެއް ދެއްވާފައި ނުވެ އެވެ. ޝާހިދު ކޯޓަށް ވަޑައިގަތުމަށް އެދި ދަންނަވާފައި ވަނީ އެ ޖަވާބު ނުލިބުމުންނެވެ.ފަނޑިޔާރުންނާއި އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުންނަށް ހެލްތު
އިންޝުއަރެންސް ލިބިވަޑައިނުގަންވާތީ، އެކަމާ ގުޅިގެން ޖުވެނައިލް ކޯޓަށް
ސީދާ ރައްޔިތުންގެ މަޖިލީހާ މުއާމަލާތް ނުކުރެވޭނެ ކަމަށް މަޖިލީހުގެ
އިދާރާއިން އެ ކޯޓަށް ވަނީ އަންގާފަ އެވެ. އެ ގޮތަށް އެންގީ ޝާހިދު މިއަދު ޖުވެނައިލް ކޯޓަށް ވަޑައިގެންދެއްވުމަށް އެ ކޯޓުން އެންގި ސިޓީގެ ރައްދުގަ އެވެ.މަޖިލީހުގެ އަމީން އާންމު ސޮއިކުރައްވައި އިއްޔެ ޖުވެނައިލް ކޯޓަށް ފޮނުވި
ސިޓީގައި ބުނެފައިވަނީ ފަނޑިޔާރުންނަށް އިންޝުއަރެންސް
ހަމަޖައްސައިދިނުމަށް މަސައްކަތް ކުރުމަކީ ޖުވެނައިލް ކޯޓުގެ ދާއިރާގެ
ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެ މަސައްކަތުގެ ޒިންމާ އޮތީ
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ކަމަށެވެ.ޖުވެނައިލް ކޯޓްގެ އޮފިޝަލަކު ވިދާޅުވީ މިއަހަރުގެ ޖެނުއަރީގައި އާސަންދަ
ތައާރަފުކުރި ފަހުން، ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ހެލްތު
އިންޝުއަރެންސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާތަކަށް ނުލިބޭ
ކަމަށެވެ. އަދި އެ ކޯޓުން އެކަމުގައި މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވީ
އެ ކޯޓުގެ ފަނޑިޔާރުންނަށް ވެސް ހެލްތު އިންޝުއަރެންސް
ލިބިވަޑައިނުގަންނަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ