10،000 މީހުން ހަމަނުވާ ޕާޓީތައް އުވާނުލާކަށް ސުޕްރީމް ކޯޓުން ހުކުމެއް ނުކުރޭ: އީސީ

މެންބަރުންގެ ގޮތުގައި 10،000 ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލެވޭނެ ކަމަށް "ސިޔާސީ ޕާޓީ"ގެ ގާނޫނުގައި ބުނެފައިވާ އެއްވެސް މާއްދާއެއް ސުޕްރީމް ކޯޓުގެ ހުކުމުން އުވާލާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. މެމްބަރުންގެ އަަދަދު 10،000 އަށް ވުރެ މަދުވެގެން 10 ޕާޓީއެއް އުވާލަން ނޯޓިސް ދިނުމާ ގުޅިގެން އެކަން ނުކުރެވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ރައްދު ދީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ހުކުމުން ބާތިލް ކޮށްފައި ވަނީ އެ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި 11 ވަނަ މާއްދާގެ (ހ) ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އެހެން މާއްދާއެއް ބާތިލްކޮށްފައި ނެތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ބުނީ ހުކުމުގެ ސަބަބުން ބާތިލް ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި މަދުވެގެން 10,000 މީހުންގެ ސޮއި ހޯދަން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ އޮތުން ކަމަށެވެ."އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގައި ހިމެނޭ އެހެން މާއްދާތަކަށް ޢަމަލު ކުރެވޭނެތީ، ސިޔާސީ ޕާޓީގެ ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ޕާޓީއެއް ދެމިއޮތުމަށްޓަކައި ބޭނުންވާ 10,000 (ދިހަ ހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މެންބަރުން ހަމަކުރުމަށް 3 މަސް ދުވަހުގެ ނޯޓިހެއް މި ކޮމިޝަނުން ދިނުމަށްފަހު، އެ މުއްދަތުގައި 10,000 (ދިހަ ހާސް) މެންބަރުން ހަމަކޮށްފައިނުވާ ޕާޓީތައް ޤާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އުވާލުމަށް ކޮމިޝަނުން ނިންމައި އެ ޕާޓީތަކަށް ވަނީ އަންގާފަ އެވެ،" ބަޔާނުގައިވެ އެވެ. އެ ކޮމިޝަނުން ބުނީ 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލަން ޖެހޭ ކަމަށް ބުނެފައިވާ އެ ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް އަމަލު ނުކުރުމަށް އެންގީ އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާ ކޮމިޝަނަށް ފޮނުއްވި ލިޔުމަކުން ކަމަށެވެ. "މި އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަމެވެ،" ބަޔާނުގައިވެ އެވެ. އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ ޕާޓީތަކަކީ މޯލްޑިވިއަން ލޭބާ ޕާޓީ އާއި ސޯޝަލް ލިބެރަލް ޕާޓީ އާއި ދިވެހި ގައުމީ ޕާޓީ
އާއި ޕީޕަލްސް ޕާޓީ އާއި ޕީޕަލްސް އެލަޔަންސް އާއި މޯލްޑިވިއަން ނޭޝަނަލް
ކޮންގްރެސް އާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ