މެމްބަރު އާދިލްގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުންތައް ފަނޑިޔާރުންގެ އާ ބެންޗަކާ އެކު ހައި ކޯޓުގައި ބުރާސްފަތިދުވަހު ނިންމާލައިފި އެވެ.
އާދިލްގެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދަނީ އޭނާގެ މައްޗަށް އުފުލި ކުޑަކުއްޖަކާ ބެހުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
އެ މައްސަލައިގެ އަޑުއެހުން އެންމެ ފަހުން ބޭއްވީ ސެޕްޓެމްބަރު 2012 ގަ އެވެ. އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުން ނުބޭއްވި ވަނިކޮށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސަސްޕެންޑްކުރުމުން އެ ޝަރީއަތް ކުރިއަށް ނުގެންދެވި މަޑުޖެހުނެވެ. ނަމަވެސް ބުރާސްފަތިދުވަހު އަޑުއެހުން ބޭއްވީ އިސް ފަނޑިޔާރުގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް އައްޔަންކޮށްގެނެވެ.
އެނގިފައިވާ ގޮތުގައި މިހާރު އެ މައްސަލަ ބަލާ އައު ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިސް ފަނޑިޔާރުގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް އައްޔަންކުރި ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަލުން ފެށީ ނޫން ކަމަށާއި ކުރިން ޝަރީއަތް ގޮސްފައި އޮތް ހިސާބާ ހަމައިން ފެށީ ކަމަށެވެ.
" އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފައި،" ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އާދިލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ މިންވަރަށް ދައުލަތުން އާދިލާ ދެކޮޅަށް ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.
އާދިލްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އައުމުގެ އިތުރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ