ކްރިމިނަލް ކޯޓުން މައްސަލަތައް އަވަހަށް ނިންމުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

މުޖުތަމައަށް ނުރައްކާ ކަމަށް ބެލެވޭ މީހުންގެ މައްސަލަތައް އަވަސްކުރުމަށާއި ހެކިން ހިމާޔަތްކުރުމާއި އަވަހަށް ތަހުގީގުތައް ނިންމުމާ ބެހޭ ގޮތުން ކްރިމިނަލް ކޯޓާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ހޯމް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގައި ބޭއްވި މަޝްވަރާތަކުގައި، މުޖުތަމައަށް ނުރައްކާ ކަމަށް ބެލެވޭ މީހުންގެ މައްސަލަތައް ކޯޓުން އަވަހަށް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަދަބު ކަނޑައެޅުމަށްޓަކައި ގެނެވޭ ހެކިންނަށް ހިމާޔަތް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި ގާނޫނު އަސާސީގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިން އަވަހަށް ތަހުގީގުކޮށް އަވަހަށް ދައުވާކޮށް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތްތައް އަވަސްކުރުމާ މެދުގައި މަޝްވަރާކުރި ކަމަށް ކޯޓުން ބުންޏެވެ.
ކޯޓުން ބުނީ ޖިނާއީ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އެއްބާރުލުން ދިނުމަށް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަނޭޅި ބަންދުގައި ގިނަ ދުވަހު ކުށްވެރިން ބޭތިއްބުމުން ދިމާވާ މައްސަލަތައް ފާހަގަކޮށް އެކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ