ސުޕްރީމް ކޯޓު ނޫން ކޯޓަކަށް ޖަވާބުދާރީއެއް ނުވާނަން: މަޖިލިސް
ރައްޔިތުންގެ މަޖިލީހަށް ދައުވާ ލިބޭ ގޮތަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުގައި ދައުވާކުރާ ދުސްތޫރީ މައްސަލަތައް ފިޔަވައި، އެހެން މަރުހަލާއެއްގެ އެހެން ކޯޓެއްގައި މަޖިލީހުގެ މައްޗަށް އުފުލާ ދައުވާތަކަށް ޖަވާބުދާރީ ނުވާ ގޮތަށް މަޖިލީހުގެ އިދާރާ އިން މިއަދު ނިންމައިފި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނަށް އެކަން އަންގައިފި އެވެ.މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ސޮއިކުރައްވައި އުއްތަމަ ފަނޑިޔާރަށް މި ގޮތަށް އެންގެވިއިރު، ބޯޑަ ކޮންޓްރޯލް މަޝްރޫއު ހުއްޓާލަން ސަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މާލިއްޔަތު ކޮމިޓީން މިދިޔަ މަހު ނިންމި ނިންމުން ބާތިލުކޮށްދިނުމަށް ނެކްސްބިޒުން ވަނީ ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ދައުވާ ލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ނެކްޒްބިޒުން ކުރާ އެ ދައުވާގެ ޝަރީއަތަށް މިއަދު މެންދުރު 45: 2 އަށް ހާޒިރުވާން އަންގައި ސިވިލް ކޯޓުން ވަނީ ބަންޑާރަ ނާއިބުގެ އޮފީހަށް ޗިޓް ވެސް ފޮނުވައިފަ އެވެ. ބަންޑާރަ ނާއިބުގެ އޮފީހުން ބުނިގޮތުގައި ދައުލަތުގެ ވަކީލާ އެކު މަޖިލީހުގެ ފަރާތުން ކައުންސެލް ޖެނެރަލް ކޯޓަށް ވަޑައިގަންނަވާ ގޮތަށް މަޖިލީހުން ނިންމައިފިނަމަ އެ ފުރުސަތު އޮތް ކަން އެ އޮފީހުން ވާނީ މަޖިލީހަށް އަންގާފަ އެވެ. މި މައްސަލާގައި މަޖިލީހުން އުއްތަމަ ފަނޑިޔާރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތްތަކެއް ވެސް ގާނޫނު އަސާސީގައިވާ ކަމަށް މަޖިލީހުގެ ސިޓީގައިވެ އެވެ."އެފަދަ ހާލަތެއްގައި މެނުވީ، ރައްޔިތުންގެ މަޖިލީހަކީ، އެ މަޖިލީހާއި، އެ މަޖިލީހުގެ ކޮމިޓީތަކުގެ ނިންމުންތަކަށް ގާނޫނު އަސާސީން ފުރިހަމަ ރައްކާތެރިކަމާއި އިމްތިޔާޒް ލިބިދީފައިވާ މަޖިލީހެކެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުން ނިންމާ ނިންމުންތަކަކީ އެއްވެސް ފަރާތަކަށް، އެއްވެސް ކޯޓަކަށް ހުށަހެޅޭނެ ނިންމުންތަކެއް ނޫންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުގެ އަސާސީގެ 88 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމުން އެނގެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ އިމްތިޔާޒް ލިބިދީފައިވާ ދާއިރާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކުރާ ކަންކަމަކީ، ކޯޓަކަށް ބެލޭނެ ކަންކަން ނޫންކަން ނުވަތަ އެއާ މެދު ތައުނުކުރެވޭނެ ކަންކަން ނޫންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 88 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމުން އެނގެ އެވެ،" ސިޓީގައިވެ އެވެ.އެ ސިޓީގައި ނާޒިމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ނިންމުމެއް ނުވަތަ ކޮމިޓީއެއްގެ ނިންމުމަކާ މެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު، އެ ނިންމުމެއް އެކި މަރުހަލާގެ އެކިއެކި ކޯޓުތަކަށް ހުށަހަޅައި، އެ މައްސަލަތައް އެ ކޯޓުތަކުން ބަލަމުން ގެންދިއުމަކީ، ރައްޔިތުންގެ މަޖިލިސް އުފައްދައި މަޖިލީހަށް އިމްތިޔާޒު ދީފައިވާ އިރު ގަބޫލު ކުރެވޭނެ ހަމައެއް އޮތް ކަމެއް ނޫން ކަމަށެވެ."ވީމާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) އެހެން އޮތަތީ، ރައްޔިތުންގެ މަޖިލީހަށް ދައުވާ ލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައުވާކުރާ ދުސްތޫރީ މައްސަލަތައް ފިޔަވައި، ދިވެހިރާއްޖޭގެ އެހެން މަރުހަލާއެއްގެ އެހެން ކޯޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އުފުލާ ދައުވާތަކަށް ޖަވާބުދާރީ ނުވުމަށް މިއަދުން ފެށިގެން ނިންމައި، އެ ވާހަކަ ދެންނެވީމެވެ،" މަޖިލީހުގެ ސިޓީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ