އަމަން ގާއިމު ނުކުރެވެނީ ވެއްޓާ ނުގުޅޭ ގާނޫނުތަކުގެ ސަބަބުން: އުމަރު

ރާއްޖޭގައި އަމަންއަމާންކަން ގާއިމު ނުކުރެވިގެން އުޅެނީ ވެއްޓާ ނުގުޅޭ ގާނޫނުތަކުގެ ސަބަބުން ކަމަށާއި އެފަދަ ގާނޫނުތައް އިސްލާހު ނުކޮށް އަމާންކަން ގާއިމު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ފުލުހުންގެ ހިދުމަތަށް 82 އަހަރު ފުރުން ފާހަގަކުރަން އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ގާނޫނު ހަދަން ޖެހެނީ އެ ގައުމެއްގެ ހަގީގަތާއި ތަބީއަތަށް ބަލައިގެން ކަމަށެވެ. އެހެން ނޫނީ އެދެވޭ ނަތީޖާއެއްގެ ބަދަލުގައި ފެންނާނީ ނޭދެވޭ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ. "ގަބޫލު ކުރަން ޖެހޭ ހަގީގަކީ އިސްކޮޅުން ދިގު، ހަށިގަނޑުން ބިޔަ އިގިރޭސިއެއްގެ ގަޔަށް ހެޔޮވަރުކޮށް އިނގިރޭސިވިލާތުގައި ލާން ފަހާފައި އޮތް ކޯޓެއް ގެނެސް، ޖައްވު ހޫނު ދިވެހިރާއްޖޭގައި ދިވެހި ކުރު އިސްކޮޅުގެ ދިވެއްސަކު އޭނާގެ ގަޔަށް އެ ކޯޓު މަހާލައިގެން މި ގައުމުގައި ހިނގާއިރު، ފައިކުރި ދިގުކަމުން ފައި ދަށަށް ވަންނާނެކަން. ހިރަފުސް އުނގުޅި ހަޑިވާނެކަން. އަތުކުރި ދިގުކަމުން އަތުކުރި ހޫރޭނެކަން. ދެ ކޮނޑުން ވެސް އޮންނާނީ ވެއްޓި ސޮހިފައިކަން. އަދި ހޫނުކަމުން ލައިގެން އުޅެން ވެސް އުނދަގޫވެ، ގައިގެ ވަސް ވެސް ތަޣައްޔާރު ވާނެކަން،" ރާއްޖޭގައި ހުރީ އިނގިރޭސިވިލާތުގެ ގާނޫނުތައް ކޮޕީކޮށްފައި ކަމަށް ފާހަގަކުރައްވަމުން އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރަސީގެ ނަމުގައި ގެނެސްފައިވާ ގާނޫނުތައް ކޮށައި މަށައި މި ގައުމަށް ފެތޭ އެއްޗެއް ހަދައިގެން ނޫނީ ޑިމޮކްރަސީގެ ފޮނި މީރުކަން ނުލިބޭނެ ކަމަށެވެ. އަދި އާ ގާނޫނުއަސާސީއާ އެކު ހަދާފައިވާ ބައެއް ގާނޫނުތަކުން "ފުލުހުންނަށް އެ މީހުންގެ ވާޖިބު އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ މޮހޮނަށް އޮޑި ދިން ގޮތަށް" ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "ނަތީޖާ އަކީ ފުލުހުން ރެޔާއި ދުވާލު ކުރާ އިލްމީ ބުރަ މަސައްކަތް ފޫނެއް ފަޔަށް ފެން ފުރުމަށް ވެގެން ދިޔުން. ކުށްވެރީންގެ ކިބައިން ރައްޔިތުންނާއި މުޖުތަމައު ސަލާމަތް ކުރުމަށް ހިންގޭ އަގު ބޮޑު އެތައް އޮޕަރޭޝަނެއް ބޮޑެތި ހަރަދުތަކާއި ބުރަ މަސައްކަތްތަކާއި ގިނަ ވަގުތުތައް ހޭދަވުމަށް ފަހު އާހިރު ނަތީޖާގައި އެ ކަންކަން ފަނުފުލުން ދިޔުން،" އޭނާ ވިދާޅުވި އެވެ. ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި، އަގު ވަޒަންކުރުމުގެ ސެޓްފިކެޓް އުމަރު ފުލުހަކާ ހަވާލުކޮށް ދެއްވަނީ.-- ހަވީރު ފޮޓޯ: ނިޝާން އަލީ އިނގިރޭސިވިލާތުގެ ގާނޫނުތައް ކޮޕީކޮށް ރާއްޖޭގައި އަމަލުކުރަން ޖެހޭ ގޮތަށް ހެދުމުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ހަރަދު ބޮޑުވެގެންދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެ ގޮތުން، ކުށެއްގެ ތުހްމަތުގައި ހައްޔަރުކުރެވޭ މީހަކު 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުކުރުމަކީ މިހާރު ކުރަންޖެހޭ ކަމެއް ކަމަށާއި ޑިމޮކްރެޓިކް އުސޫލެއް ކަމަށެވެ. ނަމަވެސް ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވެފައި، ވަސީލަތްތައް ހުރި ގޮތުން އެކަން ތަންފީޒުކުރުމަށް ވަރަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށް އުމަރު ވިދާޅުވި އެވެ. "ދައުލަތުގެ ފުދުންތެރިކަމާއި ރާއްޖެ އުފެދިފައި އޮތް ގޮތާއި ދައުލަތުގައި ހުރި ވަސީލަތްތަކާ ނުބައްދަލު ގާނޫނުތައް ހެދުމުގެ ނަތީޖާ އަކީ ކޮންމެހެން ހައްޔަރުކުރަން މަޖްބޫރު ވެގެން މެނުވީ ފުލުހުން މީހަކު ހައްޔަރު ނުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.   ގާނޫނުތަކުގައި ބޮޑެތި މައްސަލަތައް ހުރިއިރު، އެފަދަ ގާނޫނުތައް އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އުމަރު ވިދާޅުވި އެވެ. އެ ގާނޫނުތައް ރައްޔިތުންގެ މަންދޫބުން އަވަހަށް ނިންމައި ދެއްވުމަށް އޭނާ ގޮވާލެއްވި އެވެ. "މަޖިލީހުގެ މެންބަރުން ދުންމާރި ފުންމަވާން ވަގުތު ކޮޅެއް ހޭދަ ކޮށްލެއްވިޔަސް، ރައްޔިތުންނަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި ހުތޫރަތްތެރި ވާޖިބު އަދާކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ގާނޫނުތަކުގައި ހުރި ރާއްޖޭގެ ވެށްޓާ ފުށުއަރާ މައްސަލަތައް ހައްލުކޮށް ދެއްވުމަށް އާދޭހާ އެކު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ."ސަބަބަކީ މި ގޮތަށް މިކަން މިއަދު ނުކޮށްފި ނަމަ، މާދަމާ މި މުޅި މުޖުތަމައު އެ ފުށް މި ފުށަށް ޖެހޭނެ. ޒަމާންތަކަކަށް ޖީލުތަކެއް ހަލާކުވެ ބެހި އޮޔާ ދާނެ."މީގެ އިތުރުން، އުމަރު ވިދާޅުވީ މުޖުތަމައުގެ ފައިދާއަށްޓަކައި ޑިމޮކްރެޓިކް ކޮންމެ މަފްހޫމްއަކުން ދޭ
މިނިވަންކަން، ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ކުޑަ ކުރަންޖެހޭ ކަމަށާއި އެކަން އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ފެންނަ ކަމަށެވެ.ދައުލަތުގެ ފުދުންތެރިކަމާއި ރާއްޖެ އުފެދިފައި އޮތް ގޮތާއި ދައުލަތުގައި ހުރި ވަސީލަތްތަކާ ނުބައްދަލު ގާނޫނުތައް ހެދުމުގެ ނަތީޖާ އަކީ ކޮންމެހެން ހައްޔަރުކުރަން މަޖްބޫރު ވެގެން މެނުވީ ފުލުހުން މީހަކު ހައްޔަރު ނުކުރުން،-- އުމަރުދިވެހި ފުލުހުންނަކީ، އުމަރު ސިފަކުރެއްވި ގޮތުގައި، އެ "ބޭފުޅުންނާ ދިމާއަށް އުކޭ ތުހުމަތުގެ އޮއްގަލާއި ތާރީފުގެ މާމެލާމެއްޔާ ދެމެދުގައިވާ ބައެކެވެ". އެ ގޮތުން، މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ނުހުއްޓުވޭ ކަމުގެ ތުހުމަތާއި ރައްޔިތުންގެ ފާޑުކިޔުން އަމާޒު ވަނީ ފުލުހުންނާ ދިމާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަމަ އެއާ އެކު، މޫދަށް އެރި މީހަކު އަމިއްލަ އަށް ފުރާނަ ދުއްވާލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާގެ ފުރާނަ ސަލާމަތްކުރާ ވަގުތު، ޝުކުރާއި ތައުރީފުގެ ބަސްތައް ވެސް އޮހެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.  "ވީމާ ތިޔަބޭފުޅުން ތިޔަ ތިއްބަވަނީ މި ދެ ރާޅު ދެބައްޖެހޭ ތާ މެދުގައި،" އުމަރު ވިދާޅުވި އެވެ. ނުރުހުމާއި ނަފުރަތުގެ އިބާރާތްތަކުން ފުލުހުންނާ މެދު އެއްޗެއް ބުނާ ކޮންމެ ރައްޔިތަކީ، އުމަރު ވިދާޅުވި ގޮތުގައި، ސިޔާސީ މަގުސަދެއްގައި ފުލުހުންގެ އަގުވައްޓާލަން މަސައްކަތް ކުރާ މީހެއް ނޫނެވެ. އެ ފަދަ ގިނަ މީހުންނަކީ ނޭނގޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ