ހަމަހަމަކަމާ އެކު ކަންކަން ހިންގާނެ ނިޒާމެއް ރައްޔިތުން ބޭނުން: ތަސްމީން

ގާނޫނީ ވެރިކަމެއްގެ އިތުރުން ހަމަހަމަކަމާ އެކު ކަންކަން ހިންގާނެ ނިޒާމެއް މިހާރު ވެސް ރައްޔިތުންނަށް ބޭނުންވެފައިވާ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ށ. ކަނޑިތީމުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި، ތަސްމީން ވިދާޅުވީ އެ މީހަކު ނިސްބަތްވާ އާއިލާ އަށް ނުވަތަ އެ މީހެއްގެ މުއްސަނދި ކަމާއި ވަސީލަތްތަކާއި ފިކުރަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކު ކަންކަން ކޮށްދޭނެ ސަރުކާރަކަށް ރައްޔިތުން މިއަދު ވެސް އެދިއެދި ތިބި ކަމަށެވެ. ރައްޔިތުންގެ އެ އުއްމީދުތައް ހާސިލްކޮށްދެވޭނެ ޕާޓީ އަކީ ޑީއާރްޕީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ އުއްމީދުގެ ހުޅުކޮޅު ނިވައެއް ނުލެވޭ، " ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަން ރައްޔިތުން މަސައްކަތްކުރީ ހަމަހަމަކަމާއި އިންސާފުން ބޭރުން ވަކި ބަޔަކަށް މަންފާވާ ގޮތަށް ދައުލަތުގެ ކަންކަން ބައްޓަންވެފައި އޮންނަން އިތުރަށް ބޭނުން ނުވާތީ އެވެ. އެ އަހަރު ވެރިކަމަށް ރައްޔިތުން ބަދަލު ގެނައީ ވަރަށް ބޮޑު އުއްމީދުތަކަކާ އެކުގައި ކަމަށާއި އެ ވެރިކަމުގައި ރައްޔިތުންގެ އުދާސްތަކާއި ނުތަނަވަސްކަމަށް ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުއްމީދުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޖަލްސާގައި ޑީއާރްޕީގެ އިސް ބޭފުޅުންގެ އިތުރުން ގައުމީ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ