ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ން ތައްޔާރުކުރާ ރިޕޯޓުގެ ޑްރާފްޓާ މެދު އިދިކޮޅު އެމްޑީޕީގެ ކަންބޮޑުވުންތައް ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ގައުމުތަކުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށް އެ ޕާޓީގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިހާރު އިނގިރޭސިލާތުގައި ހުންނެވި ޑރ. ޝަހީދު މިރޭ "ހަވީރަ" ށް ވިދާޅުވީ ކޯނީން ނެރެން ވާނީ ކޮމަންވެލްތު ގަބޫލުކުރާ ފެންވަރުގެ ރިޕޯޓެއް ކަމަށެވެ. އަދި އެކަން ސީމެގުގެ ގައުމުތަކުގެ ސަމާލުކަމަށް ގެންނެވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ކަހަލަ ކޮމިޝަންތަކުން މިފަދަ ރިޕޯޓު ނެރޭއިރު ބައިނަލްއަގްވާމީ މިންގަނޑުތަކަކަށް ވެސް ބަލަންޖެހޭ. އެހެންވީމާ އެ މިންގަނޑަށް ]ކޯނީ[ ރިޕޯޓު ނުފެތެންޏާ އެ ރިޕޯޓު ބަލައިނުގަތުމަށް ވެސް އަޅުގަނޑު ކޮމަންވެލްތަށް ގޮވާލަން. އެގޮތަށް ވެއްޖިއްޔާ އަޅުގަނޑުމެން ވެސް ބަލައެއް ނުގަންނާނަން،" ޑރ. ޝަހީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވަނީކީ ކޮންމެހެން ވަހީދު ކުށްވެރިކުރާކަށް ވެސް ނޫން. ބޭނުންވަނީ އިންސާފު."
ޑރ. ޝަހީދު ވިދާޅުވީ ކޯނީގައި ތިއްބެވި އިސްމާއީލް ޝަފީއު އާއި ޑރ. އަލީ ފަވާޒް ޝަރީފު އަދި ޑރ. އިބްރާހިމް ޔާސިރުގެ މަސައްކަތް ބަލައި ނުގަނެވޭނެ ކަމަށެވެ.
"ޖަސްޓިސް ސެލްވަމްގެ ހިދުމަތެއް އެބަޖެހޭ ފެންނަން،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ކޯނީގެ ޑްރާފްޓާ މެދު އެމްޑީޕީގެ ކަންބޮޑުވުންތައް ސީމެގްގެ ގައުމުތަކާ ހިއްސާ ކުރެއްވުމުން "އަދިވެސް އުންމީދު އެބައޮތް" ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދިވެސް ގެރެންޓީ އެބައޮތް. ސީމެގަކީ ވެސް ކުޅޭކުޅޭ ތަނެއް ނޫން. ދެން އެ ބޭފުޅުން ވެސް ދިރާސާ ކުރައްވާނެ. އެކަމަށް ވަގުތު ބޭނުންވާނެ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ކަންބޮޑުވުންތައް ސީމެގްގެ ގައުމުތަކުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށް އޭނާ ވިދާޅުވިއިރު ކޯނީގައި ނަޝީދު ތަމްސީލު ކުރައްވާ އަހުމަދު ސައީދު (ގަހާ ސައީދު) މިދިޔަ އާދީއްތަ ދުވަހު މީޑިއާގައި ވިދާޅުވެފައި ވަނީ މިހާރު ޑްރާފްޓްކޮށްފައިވާ ރިޕޯޓަކީ، ފެނުނު މަންޒަރުތަކާ ބަލާއިރު "ކޮންމެވެސް ވަރަކަށް ދޮގުކުރާ" ރިޕޯޓެއް ކަމަށެވެ.
ސިޔާސީ އެކި ފަރާތްތަކުން ކޯނީގެ ރިޕޯޓާ މެދު ވާހަކަ ދައްކަމުންދާ މި ދަނޑިވަޅުގައި ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައަޅާފައިވާ ހުންނަވާ މަންދޫބު ޑޮނަލްޑް މެކިނަން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ރިޕޯޓަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރުމަށެވެ.
ކޯނީގެ ރިޕޯޓުގެ ޑްރާފްޓްގެ ކަންބޮޑުވުން ސީމެގުގެ ގައުމުތަކަށް ދަންނަވައިފިން: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ