ޖީއެމްއާރުގެ މައްސަލާގައި ރައީސް ވަހީދު އިސްތިއުފާ ދެއްވުމަށް އަލީ އާޒިމް ގޮވާލައްވައިފި

ޖީއެމްއާރުގެ މައްސަލާގައި ގޮތެއް ނިންމަން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު ސިޔާސީ ޕާޓީތަކަށް ދޫކޮށްލައްވާފައިވާތީ އެ މަނިކުފާނު އިސްތިއުފާ ދެއްވުމަށް މެދުހެންވޭރު ދާއިރާގެ ޑީއާރުޕީ މެމްބަރު އަލީ އާޒިމް މިއަދު ގޮވާލައްވައިފި އެވެ.
އޭނާ ވިދާޅުވީ ދިވެހި ސަރުކާރާއި ޖީއެމްއާރާ ދެމެދު ކޮށްފައިވާ އެއާޕޯޓް އެއްބަސްވުމުގައި ގޮތެއް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށެވެ.
"އެއީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނަންގަވަންޖެހޭ ޑިސިޝަނެއް. ކެބިނެޓާ މަޝްވަރާ ކުރައްވާފައި ސަރުކާރުން ގޮތެއް ނިންމެވީމާ ނިމުނީ. ސިޔާސީ ޕާޓީތަކަށް ފެންނަ ގޮތެއް ބައްލަވަން ސިޓީ ފޮނުއްވުމުގެ ބޭނުމެއް ނެތް. މިއިން ކޮންމެ ސިޔާސީ ޕާޓީއެއްގައި މި ހުންނަވަނީ 2013 ގެ އިންތިހާބަށް ނުކުންނަވާ ބޭފުޅެއް. ގާސިމް ވިޔަސް ޔާމީނު ވިޔަސް ތަސްމީނު ވިޔަސް މިއިން ކޮންމެ ބޭފުޅަކީ 2013 އަށް ބަލަބަލާ ތިއްބެވި ބޭފުޅުން. އެ ބޭފުޅުންގެ ލަފާ ހޯއްދަވައިގެން ]ރައީސް ވަހީދު[ ލަނޑެއް ނޫންތޯ ލިބޭނީ؟،" ތަސްމީނާ ވަރަށް ގާތް ގުޅުމެއް އޮންނަ އަލީ އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރާ ގުޅިފައިވާ ޕާޓީތަކުން ބޭނުންވާ ގޮތަށް ކަންތައް ކުރުމަކީ ރިޔާސީ ނިޒާމުގައި އޮންނަ އުސޫލެއް ނޫން ކަމަށާއި އެއީ ޕާލަމެންޓްރީ ނިޒާމުގެ ޕްރެކްޓިސްއެއް ކަމަށެވެ. އެހެންވެ ސަރުކާރުން ނިންމާ ކޮންމެ ކަމެއްގައި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެއްގެ ބާރު ނެތްކަން ދޭހަވާ ކަމެއް ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.
"މިކަހަލަ ދެ ތިން ކަމެއް މިހާތަނަށް ވެސް ހިނގައިފި. ކުންފުނިތައް ބެހުމުގައި ވެސް މައްސަލަތަކެއް ދިމާވި. ފެނަކަ ކުންފުނިން ވަޒީފާ ދިނުމާ މެދު ވެސް ގޮތެއް ނިންމަން އުނދަގޫވި. އަދިވެސް އެސްޓީއޯގެ ވަޒީފާގެ ކަންތައް ވެސް ހަމަޔަކަށް ނޭޅޭ. ޕާޓީތަކަށް ދޭން ބުނި ވަޒީފާތައް ހަމަޔަކަށް ނުދެވޭ،" އޭނާ ވިދާޅުވި އެވެ. "ޖީއެމްއާރުގެ މައްސަލާގައި ގޮތެއް ނިންމަން ޑރ. ވަހީދަށް އުނދަގޫވާ ކަމަށް ވަންޏާ އެ މަނިކުފާނު އިސްތިއުފާ ދެއްވަންވީ މިހާރު ވެސް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ