ހައްގުތައް ހޯދުމަށް ބަހެއް ނުބުނެ ތިބެންޏާ އަބަދުވެސް ޖެހޭނީ ތިބެންކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ ކުނޫޒްގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، ކަންބޮޑުވިޔަސް ބިރުނުގަނެ ކުރިއަށްދާންވީ ވަރަށް ގިނަ ސަބަބުތައް މިއަދު ގައުމަށް ކުރިމަތިވެފައިވާ ކަމަށެވެ.
ބައެއް ކަންކަން ފާހަގަ ކުރައްވަމުން ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސްކޫލަށް ކުދިން ވެއްދުމުގަވެސް މިއަދު ތަފާތުކުރުން ގެންގުޅޭ ކަމަށާއި، ފުލުހުންގެ ވަޒީފާގައި އުޅޭއިރު ސަރަހައްދު ނޫން ސަރަހައްދަކަށް ވަޒީފާ ބަދަލުކޮށް ޕްރޮމޯޝަން ދިނުމުގަ ތަފާތުކުރުން ގެންގުޅޭ ކަމަށާއި، ހަމަ އެގޮތަށް ދިފާއީ ވުޒާރާގައިވެސް ކަން ހިނގަނީ އެމަގުން ކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ މުއައްސަސާތައްވެސް ރައްޔިތުންނާ އެއްކޮޅަށް އަރައި ހައްގުބަސް ބުނަންޖެހޭ ކަމަށާއި، އެހެންނޫނީ، މުސްތަގްބަލާއި، ތިމާމެންގެ ދަރީންގެ ދަރީންނަށްވެސް ކުރިމަތިލާންޖެހޭނީ ނާމާން ދުވަސްތަކެއް ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރ ވިދާޅުވިއެވެ.
އެއްވެސް ފަރާތަކަށް ނުހައްގު އަނިޔާއެއް ލިބޭކަމަށް ވާނަމަ ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުންކުރެ ލީޑަރަކާ އެމައުލޫމާތު ހިއްސާ ކުރުމަށާއި، އޭރުން އެކަމެއް މުޅި ރާއްޖެއަށާއި މުޅި ދުނިޔެއަށް ފަތުރުއްވައި ދެއްވާނޭ ކަމަށްވެސް ޑރ. މައުސޫމް ވިދާޅުވިއެވެ.
ހައްގުތައް ހޯދުމަށް ބަހެއް ނުބުނެ ތިބެންޏާ އަބަދުވެސް ޖެހޭނީ ތިބެން: ޑރ. އަބްދުﷲ މައުސޫމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ