ސުޕްރީމް ކޯޓުގެ ނިންމުން ތަކަށް ގޮންޖަހާ ފަރާތްތަކާއި މެދު ފިޔަވަޅު ނޭޅުމަކީ އޭގެ ގެއްލުން ޤާނޫނު އަސާސީއާއި ޝަރުޢީ ދާއިރާއަށް ފޯރާނެ ކަމެއް: ސުޕްރީމްކޯޓު
ދައުލަތުގެ ތެރޭގައި ތިބި މަދު ބަޔަކު ސުޕްރީމް ކޯޓުގެ ނިންމުން ތަކަށް ގޮންޖެހުމަކީ އެކޯޓު ނެތިދާފަދަ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ. ކެނެޑާ އާއި އެމެރިކާގެ ރަސްމީ އިދާރާ ތަކުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަގު ވެއްޓޭ ފަދަ ގޮތަކަށް ނެރުނު ބަޔާންތަކަށް ރައްދު ދެއްވަމުން ދިވެހި ރާއްޖޭގެ ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީބާރު ކަމަށްވާ ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ސޮއި ކުރައްވާ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެމެރިކާ އާއި ކެނެޑާއިން ނެރުނު ބަޔާން ތަކަކީ އެކަށީގެންވާ ވަރަށް މަޢުލޫމާތު ނުހޯދާ ނެރެފައިވާ ޙަޤީޤަތާއި ޚިލާފު ދޮގު ބަޔާން ތަކެއް ކަމަށާއި، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. އަދި އެފަރާތް ތަކުގެ މި ޢަމަލަކީ ދިވެހި ޤައުމުގެ ސިޔާދަތާއި މިނިވަން ކަމަށް ނުފޫޒު ފޯރުވުން ކަމަށާއި، މިކަމަކީ ދިވެހި ދައުލަތުގެ ދުސްތޫރާއި ތޮޅުމުގެ ޢަމަލެއް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ސިފަ ކުރައްވާފައެވެ. މީގެ އިތުރުން ބޭރުގެ ފަރާތްތަކަށް މިފަދަ ކަންކަމަށް ހިއްވަރު ލިބެނީ ދައުލަތުގެ އެތެރޭގައި ތިބި މަދު ބަޔަކު ސުޕްރީމް ކޯޓުގެ ނިންމުން ތަކަށް ގޮންޖަހައި އެކޯޓުގެ ޙުރުމަތް ކަނޑަމުން ގެންދާތީ ކަމަށާއި، މިކަމަކީ ސުޕްރީމް ކޯޓު ވުޖޫދުން ނެތިދާފަދަ ކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ވަނީ ސިފަ ކުރައްވާފައެވެ. އެހެން ކަމުން މިފަދަ ކަންކަމާއި މެދު ފިޔަވަޅު ނޭޅި އޮތުމަކީ ދިވެހި ޤައުމުގެ ދުސްތޫރު ކަމަށް ދެކޭ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ދިވެހި ރާއްޖޭގެ ޝަރުޢީ ދާއިރާ އަށްވެސް އޭގެ ގެއްލުން އިންތިހާ އަށް ފޯރައިގެން ހިނގައިދާނެ ކަންތައް ތައް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ސިފަ ކުރައްވާފައެވެ. އުއްތަމަ ފަނޑިޔާރުގެ ބަޔާން ނިންމަވާ ލައްވަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންދިޔަ ނަމަވެސް އެފަދަ ވާހަކަތަކާއި އެފަދަ ފަރާތްތަކުގެ ފިއްތުން ތަކަށް ބެލުމެއް ނެތި އެއްވެސް ތަޢައްސުބަކާއި ނުލާ ދިވެހިރާއްޖޭގެ ކޯޓްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ