އޭލެވެލްގައި ދުނިޔެއިން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސްގެ މެޑަލް

އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ.ވަހީދު ވިދާޅުވީ ތަޢުލީމީ ދާއިރާއިން ވޭތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޯ ލެވެލް އިމްތިޙާނުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެބޮޑު ކުރިއެރުން ހޯދާފައިވަނީ މިދިޔަ އަހަރު ކަމަށެވެ.
އެގޮތުން މުޅި ދުނިޔެއިން 1 ވަނަ އަށް ހޮވާލެވޭ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މިފަދަ ހުނަރުވެރި ދަރިވަރުންނަށް މަގުފަހިކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިގޮތުން، އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދިނުމަށް އަޅުގަނޑު ގަސްދުކުރާ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވި އެވެ.
އޭ ލެވެލަށް ކިޔެވުމުގެ ފުރްޞަތުތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި މިއަހަރު އޭ ލެވެލް ކްލާސްތައް އަލަށް އުފެއްދުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން މިއަދު ރައީސް ވަނީ އިއުލާންކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ޢުމުރުން 18 އަހަރު ފުރެންދެން ކޮންމެ ކުއްޖަކަށްވެސް ތަޢުލީމީ ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެވޭނެގޮތް ހަމަޖެއްސުން ކަމަށާއި އެ ސިޔާސަތުގެ ދަށުން އޭ ލެވެލަށް ކިޔެވުމުގެ ފުރްޞަތު ފުޅާކުރުމާއި، ޒުވާނުން ވަޒީފާތަކަށް އަހުލުވެރިކުރުވުމަށް މިއަހަރު އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
"ތަޢުލީމުގެ ފެންވަރު މިއަހަރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގެ ނަމުގައި އާ މުއައްސަސާއެއް މިދިޔަ އަހަރު ވަނީ އުފައްދާފައި. ހަމައެހެންމެ މަތީ ތަޢުލީމާއި ތަމްރީނުގެ ފުރްޞަތުތައް އިތުރުކުރުމަށްވެސްވަނީ މަސައްކަތް ކުރެވިފައި. އެގޮތުން ފުރަތަމަފަހަރަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެވިގެން ދާއިމީ ލުއި ލޯނު ސްކީމަކާއި، ސްކޮލަރޝިޕް ސްކީމެއްވަނީ ތަޢާރުފް ކުރެވިފައި. ޒުވާނުން ވަޒީފާތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ސްކިލްސް ޓްރޭނިންގ އެންޑް އެމްޕްލޯއިމަންޓް ޕްރޮގްރާމް(ސްޓެޕް) ވަނީ ތަޢާރުފް ކުރެވިފައި." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާއަކީ މާޒީގައި ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލުކުރެވުނު ދާއިރާއެއް ނަމަވެސް ވޭތުވެދިޔަ ކުރު މާޒީގައި ޞިއްޙީ ޚިދްމަތުގެ ނިޒާމު ވަރަށް ބޮޑަށް ރޫޅި، ހީނަރުވެފައި ވުމުގެ ސަބަބުން ޞިއްޙީ ދާއިރާ އަލުން ތަރުތީބުކޮށް، އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
"ޞިއްޙީ ދާއިރާ، ސިޔާސީ މައިދާނުގައި ބޭނުންކުރެވިފައިވަނީ އެ ދާއިރާގެ ބޭނު މަށާއި ޚިދުމަތުގެ ޒާތަށް ވިސްނުމެއްނެތި. މިކަންކަން ރަނގަޅުކުރުމަށް މިދިޔަ އަހަރު ވަރަށްގިނަ މަސައްކަތްތަކެއްވަނީ ކުރެވިފައި. ޞިއްޙީ ދާއިރާ ޒަމާނީކޮށް، ހަރުދަނާ ކުރުމަށް ކުރަންޖެހޭ މުހިންމު އެތައް މަސައްކަތްތަކެއް ވަނީ ފެށިފައި. " ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓަރޝަރީ ފެންވަރުގެ އިތުރު ހޮސްޕިޓަލްތައް ޤާއިމްކޮށް، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭހާއި، އެކިއެކި މެޝިނަރީއާއި ކޮންސިއުމަބަލްސް ހޯދުމުގައި ދިމާވެފައިވާ ދަތިތަ ހައްލުކުރަމުންދާ ކަމަށާއި ވީހާވެސް އިސްރާފު ކުޑަ، އިޤްތިޞާދު ކުރެވޭ ގޮތެއްގެ މަތިން މި ތަކެތި، ޞިއްޙީ ޚިދްމަތްދޭ ތަންތަނަށް ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށެވެ.
"އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ސްކީމް ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ކުރިއަށް ގެންދިޔުމަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ގެނެސް، އެ ނިޒާމު ހުއްޓުނަނުދީ ވަނީ ކުރިއަށް ގެންދެވިފައި. އަދި މި ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ.ވަހީދު ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު އެމްޑީޕީ މެންބަރުން ދިޔައީ އަޑުގަދަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ