އަސާސީ ގަވައިދުގެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ - މައުމޫން

ޕާޓީއެއްގައި އަސާސީ ގަވައިދެއް ހެދިފައި އޮންނަނީ އެޕާޓީއެއްގައި ތިބި މެންބަރުންނަށް ހަމަހަމަ ގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި ކަމަށާއި އަސާސީ ގަވައިދުގެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށްފަހު ކާނިވަލުގައި އެތައް ހާސް ބަޔަކާއިއެކު ބޭއްވި އެޕާޓީގެ ޙާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އެއްބައިވަންތަކޮށް ވަރުގަދަކުރާއިރުގައި އާއި ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބީތައް ހޯދަމުންގެންދާއިރު ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށާއި އެއީ ޕީޕީއެމް މެންބަރުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްގެ ގޮތުގައި އެންމެން ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ.
އަދި ކޮންމެ މެންބަރަކު ވެސް އެމެންބަރަކު ހިތަށް ފެންނަ ގޮތަކަށް ކަންކަން ކުރަންވެއްޖެނަމަ ޕާޓީގެ އަމާޒެއް ނުވަތަ އުސޫލެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ޕީޕީއެމްގެ އަސާސީ ގަވައިދަށް ނުވަތަ އެހެން ވެސް ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"އެހެންވީމަ މިފަދަ ކޮންމެ ގާނޫނީ އުސޫލަކަށް، ނުވަތަ އެކަން ހާމަކޮށްދޭ ބަޔާނަކުން އަޅުގަނޑުމެން އެބަޖެހޭ ހުރުމަތްތެރިކޮށް ހިތަން، އެކަން އެންމެން ގަބޫލުކުރަން، އަސާސީ ގަވައިދުގެ މަތީގައި އެއްވެސް މެންބަރަކަށް ނުހުރެވޭނެ، ހުރިހާ އެންމެން ވެސް ޖެހޭނެ އަސާސީ ގަވައިދަށް ތަބާވާން، " ރައީސް މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީގައި ހުންނެވިއިރު ކަންތައްތައް ހިނގަމުންދިޔަ ގޮތުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް މައުމޫން ވިދާޅުވީ އެޕާޓީގެ އިސް ބޭފުޅަކާއިމެދު އަސާސީ ގަވައިދާއި ހިލާފަށް އެޕާޓީން ވަކިކުރި ކަމަށާއި އޭރު ހުންނެވީ އެޕާޓީގެ ޒައީމްގެ މަގާމުގައި ކަމަށެވެ.
އަދި އެކަން އެމަނިކުފާނަށް ގަބޫލުނުކުރެއްވިގެން ވަކިކުރެއްވި މެންބަރުގެ ދިފާއުގައި ތެދުވެ ވަރަށް ގިނަ މަސައްކަތްތަކެއްކުރެއްވި ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށްވީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނާއި ދޭތެރޭގައި ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރައްވަމުން ފެއްޓެވުން ކަމަށާއި އޭގެ ސަބަބުން ޕާޓީ ދޫކޮށްލަން ޖެހިވަޑައިގަތް ކަމަށް މައުމޫން ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން ޕާޓީގެ މެންބަރުން ކަނޑައަޅުއްވާފައިވާ ކަމަށާއި ޔާމީން މަގާމަށް އިންތިހާބުކުރީ ޔާމީންގެ އިލްމީ މުއްސަނދިކަމާއި ލިބިވަޑައިގެންފައިހުރި ތަޖުރިބާ އާއި ގާބިލުކަމުގެ ސަބަބުން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އެންމެން ތިބެންޖެހޭނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި، އެމަނިކުފާނަށް ވާގިވެރިވެ އެހީތެރިއެއްގެ ގޮތުގައި، މިވެސް އަޅުގަނޑުމެންގެ އަސާސީ ގަވައިދު އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކުރާކަމެއް، އަޅުގަނޑުމެންގެ އަސާސީ ގަވައިދުގެ 68 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބަބުނޭ، ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކީ ޕާޓީގެ ރިޔާސީ ޓިކެޓު ލިބޭ ފަރާތޭ، އަދި އެފަރާތަށް ޕާޓީގެ އެންމެހާ މެންބަރުން ހުރިހާ މުއައްސަސާތަކެއް ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ދޭންޖެހޭނެއޭ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޔާމީނަށް އެހީތެރިކަން ދޭނީ "އެވެނި ގޮތަކަށް އަމަލުކުރެއްވީމަ" އޭ ނުބުނެވޭނެ ކަމަށާއި އެއީ އޮންނަ ވެސް ގޮތެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްއަކީ އެންމެނަށް ވުރެން ބޮޑު ޕާޓީއެއް ކަމަށާއި ހުރިހާ ފަރާތްތަކުން ޕާޓީއަށް އިހްލާސްތެރިވާން ޖެހޭނެ ކަމަށެވެ. އަދި އިހްލާސްތެރިކަމަކީ ޕާޓީގެ ވަކި ބޭފުޅަކަށް އޮންނަންވީ އެއްޗެއް ނޫން ކަމަށާއި "ވަކި މައުމޫނަކަށް" އޮންނަންވީ އެއްޗެއް ވެސް ނޫން ކަމަށެވެ.
މައުމޫން މިރޭ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ނަތީޖާ އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން ނަތީޖާ ގަބޫލުކުރައްވާ ޔާމީނަށް ތަހުނިޔާ ވިދާޅުވެއިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ފޯނުން ގުޅުއްވާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މާލޭގައި ހުރި އުމަރު ޓީމުން ހުޅުވި ޖަގަހަ އެދުވަހުން ފެށިގެން ޕީޕީއެމްއަށް ދެއްވިކަން ހާމަކުރެއްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ