2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކަމަދޫގެ މެޖޯރިޓީ ނަގާނީ ރައީސް ޔާމީން: މެންބަރު ނިހާން

އަންނަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކަމަދޫގެ މެޖޯރިޓީ ނަގާނީ ރައީސް ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ އިއްޔެ ބޭއްވި ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ބޮޑު ތަފާތަކުން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ﷲގެ ހެޔޮރަހުމަތުން ބ.އަތޮޅު ކަމަދޫގެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެޖޯރިޓީ ނަގާނީ ރައީސް ޔާމީން ކަމަށެވެ.
ނިހާން މިހެން ވިދާޅުވި ނަމަވެސް މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގެ 12 ރަށު ކައުންސިލެއްގެ ތެރެއިން 8 ރަށުއްގެ ކައުންސިލުގެ މެޖޯރިޓީ ހޯދީ އެމްޑީޕީއިންނެވެ.
‎އެމްޑީޕީގެ ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 169 ވޯޓު ހޯދައިގެންނެވެ. އަދި ޕީޕީއެމުން ވާދަކުރި ކެންޑިޑޭޓް އަލީ ނާއިޒަށް ލިބިފައިވަނީ 142 ވޯޓެވެ.
‎ކަމަދޫ ކައުންސިލުގެ ބައި އިލެކްޝަންގެ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާއިޒަށް މާލެއިން ލިބުނީ 58 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސާޖިދުއަށް ލިބިފައިވަނީ 51 ވޯޓެވެ. ނަމަވެސް އެރަށުގައި ބެހެއްޓި ވޯޓު ފޮށިން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސާޖިދަށް 116 ވޯޓު ލިބުނު އިރު ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާއިޒަށް ލިބިފައިވަނީ 84 ވޯޓެވެ.
‎މި އިންތިހާބުގައި ޖުމްލަ ވޯޓުލީ މީހުންގެ އަދަދަކީ 315 އެވެ. ނަމަވެސް ވޯޓު ލުމުގެ ޝަރުތު ހަމަވާ 338 މީހުން އެރަށުގައި ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ