ޒިންމާއެއް ނުއުފުލާ. ކޮބައިތޯ އިންސާފު؟: ރައީސް މައުމޫނު

ދަރިކަލުން، އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު، ޖަލުގައި ހުންނެވިއިރު އެއްވެސް މުއައްސަސާއަކުން ޒިންމާ ނުއުފުލާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
ދަރިކަލުންނާ ބައްދަލުކުރެއްވުމަށް ރައީސް މައުމޫނު އިއްޔެ މާފުށީ ޖަލަށް ވަޑައިގަންނަވާފައިވާއިރު، ފޭސްބުކް ޕޭޖުގައި ރައީސް މައުމޫނު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފާރިސް ހުރީ ވަރަށް ސާބިތު ކަމާއެކުގައި ކަމަށެވެ.
"އެކަމަކު ހިތާމައަކީ އޭނާ ކުރި އެއްވެސް ކުށަކާ މުލާ ޖަލުގައި މިއަދާ ހަމައަށް 79 ދުވަހު ބަހައްޓާފައި ހުރިކަން. ކިހާ ބޮޑު އަނިޔާ އެއްތޯ؟" ރައީސް މައުމޫނު، އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ އަޑު އެހުންތައް ނިމުނުތާ 56 ދުވަސް ވެއްޖެ ކަމަށް ރައީސް މައުމޫނު ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
"ކުއްލިއަކަށް ފެނުނީ ގަވާއިދާ ހިލާފަށް ކޯޓު ގެ ބެންޗު ބަދަލު ކުރެއްވިތަން. އެކަން ބާތިލު ކޮށް ދިނުމަށާއި މައްސަލަ އަވަސްކޮށް ދެއްވުމަށް ހައި ކޯޓަށް އަމުރު ކޮށްދެއްވުން އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ އެއް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ" ރައީސް މައުމޫނު ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށާއި މައްސަލަ ބަލައިގެންނެވި ކަންވެސް ނާންގަވާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"މިކަން މިހެން ވާއިރު ފާރިސް އެހެރީ ކުށެއް ނެތި ދުވަސްތައް ގުނާލަ ގުނާލަ އަނބިމީހާ އާއި ކުޑަ ދަރިފުޅާ ދުރުގައި. އެއްވެސް މުއައްސަސާއަކުން ޒިންމާއެއް ނު އުފުލާ. ކޮބައިތޯ އިންސާފު؟" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމަށްބުނެ ފާރިސް ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ