އުމަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.
އަންނަ ހަފްތާގައި ޖޭޕީ އަށް ސޮއިކުރައްވާނެކަން އުމަރު އިއުލާނު ކުރައްވާފައިވާއިރު އުމަރުވަނީ މީގެ ކުރިން 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ޖޜޕީ އާއި ގުޅިވަޑައިގަންނަވަނީ އިންތިހާބަށް އެޕާޓީ ތައްޔާރު ކޮށްދިނުމަށް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދި ޖޭޕީގެ ފަރާތުން ގާސިމް އިބްރާހިމް ވާދަ ނުކުރައްވާނަމަ ޖޭޕީގެ ޓިކެޓްގައި ވާދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑު މިގުޅެނީ ރިޔާސީ އިންތިޚާބަށް އެ ޕާޓީ ތައްޔާރު ކުރުމަށް. އެހެން މަސައްކަތަކަށް ނޫން،" ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދާ މަޝްވަރާ ކުރެއްވުމަށް ދާދި ފަހުން ލަންޑަނަށް ވަޑައިގެންނެވި އުމަރު ވިދާޅުވި އެވެ.
ޖޭޕީއަކީ އެމްޑީޕީ އާއި އަދާލަތު އަދި ކުރީގެ ރައީސް މައުމޫނާއި ބައިއަތު ހިފައިގެން ކުރިއަށްދާ ޕާޓީ އަކަށް ވާއިރު އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރާއިރު، އެކަމަށް ތާއީދު ކުރައްވާނަންތޯ ދެންނެވުމުން އުމަރު ވިދާޅުވީ އެކަމަށް އެއްޗެއް ދެންނެވުން އަދި މާ އަވަސް ކަމަށެވެ.
އުމަރު ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ހުރިހާ ޕާޓީތަކެެއްގެ މެދުގައި ޕްރައިމަރީއެއް ބާއްވަން އެމްޑީޕީން ކުރާ މަސައްކަތަކީ ކާމިޔާބުވާނެ ފޯމިއުލާ އެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ