ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް މިއަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މުހައްމަދު އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއަމުރު ތަންފީޒުނުކޮށް ރިޔާސީ އިންތިހާބު ބާއްވަން ލާހިކެއް ނޫން ކަމަށެވެ. މުހައްމަދު އަބްދުﷲ ވިދާޅުވީ ސަރުކާރު ޖެހޭނީ ގާނޫނީ އިމުގެ ތެރެއަށް ވަންނަން ކަމަށެވެ.
ސަރުކާރުން ވަނީ އިދިކޮޅު އެންމެން ޖަލަށްލާފަކަން ފާހަގަކުރައްވާ، މުހައްމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުއްޓުވާ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ރާއްޖެ އޮތްއިރު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ބައްވާ އިންތިޚާބެއް މިނިވަން ނުވާނެ ކަމަށް މުހައްމަދު އަބަދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަކަށް ދާން ޖެހޭނީ ގައުުމުގެ ހާލަތު ރަނގަޅުކުރުމަށް ފަހުގައި ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އިދިކޮޅު ފަރާތްތަކުން ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅައިގެން ނެރުނު އަމުރެއް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ސަރުކާރުން ބުނީ އެ އަމުރު ތަންފީޒު ނުކުރީ، އޭގެ ސަބަބުން ދައުލަތުގެ ހިންގުން ހުއްޓި، ގާނޫނުއަސާސީގެ ބާރު ކެނޑިދާނެތީ ކަމަށެވެ. އެކަމަކު ރާއްޖޭގެ ގާނޫނޫއަސާސީ ބުނާގޮތުން ޝަރުއީ ދާއިރާގެ އެންމެ ފަހުބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓެވެ.
އަމުރު ތަންފީޒު ނުކޮށް އިންތިޚާބު ނުބޭއްވޭނެ: މުހައްމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ