ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރިނަމަ ގައުމު ފާލުން ނެއްޓިގެންދާނެ – ހުސައިން ވަހީދު

ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރިނަމަ ގައުމު ފާލުން ނެއްޓިގެންދާނެ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސައިން ވަހީދު މިހެން ވިދާޅުވީ މިރޭ "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ހުސއިން ވަހީދު ވިދާޅުވީ ފުލުހުން ވެސް އަދި ކޮންމެ ބަޔަކު ވެސް އަމަލު ކުރަން ޖެހޭނީ ޤާނޫނީ އަމުރުތަކަށް ކަމަށާއި ފެބްރުއަރީ 01 ގައި އަމުރު ނެރުނީ ސުޕްރީމް ކޯޓުން ކަމުގައި ވީނަމަވެސް އެއަމުރަކީ ޤާނޫނީ އަމުރެއްތޯ ސުވާލު އުފެދޭ ޚިލާފުތަކެއް އެބަހުރި ކަމަށެވެ.
"ކުރުކޮށް ދަންނަވާނަމަ އެއަމުރު އޮތީ އަދުލް އިންސާފަށް ހުރަސް އެޅޭ ގޮތައް" ހުސައިން ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ސުޕްރީމް ކޯޓަކީ އިޙްތިރާމް ލިބިގެންވާތަނެއް. އަދި އެކޯޓުގެ އަމުރުތައް ދިފާޢު ކުރުން އެންމެންގެ މައްޗަށް ލާޒިމުވޭ. ނަމަވެސް އެފަދަ ތަނަކުން ކޮށްފާނެ ކަމަށް ގަބޫލު ކުރަން އުނދަގޫ އަމުރެއް ނެރުނީ."
ހުސައިން ވަހީދު ވިދާޅުވީ ބައެއް ކަހަލަ ހުކުމް ތަކަކީ އެ ހުކުމަކަށް އަމަލު ކުރުމުން އާންމު މަސްލަހަތު ގެއްލިގެންދާ ފަދަ ހުކުމެއް ނަމަ އެ ހުކުމެއް އިސްތިއުނާފް ކުރުން ނުވަތަ އިލްތިމާސް ކުރުމަކީ ޒަމާނުންޒުރެ އަމަލު ކުރަމުންދާ ބެސްޓް ޕްރެކްޓިސް ކަމަށާއި ގާނޫނު ތަކުގައި ޖުމުލަ މަސްދަރަކީ އާންމު މަސްލަހަތު ކަމަށެވެ.
"އާންމު މަސްލަހަތައް އަސަރެއް ކޮށްފާނެފަދަ އަމަލެއް އެއްވެސް ތަނަކުން ކުރަން އަމުރު ކުރި ނަމަވެސް، އެ އަމުރެއްގެ ނަތީޖާ އަކީ ކޮބައި ކަން ދެނެގަނެ ފިޔަވަޅު އެޅުމުގެ ކުރިން ސާފުކުރަންޖެހޭ ކަންކަން ސާފުކުރަން ޖެހޭނެ." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސެއިން ވަހީދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވައިގެން އެފަދަ އަމުރެއް ތަންފީޒު ކުރައްވާނަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ އަމުރުގައި ބަލަންޖެހޭ ބައިވަރު ކަންކަން ހުރި ކަމަށެވެ. "އަޅުގަނޑެއް ނޫން އެއްވެސް ކޮމިޝަނަރަކު އެއަމުރަށް އަމަލު ކުރަން އަވަސް އަރުވާލައިގެން ކުރިއަކަށް ނުގެންދާނެ" ކަމަށެވެ.
އެ އަމުރުގެ ސަބަބުން ދިވެހި ވެއްޓަށް އައިސްދާނެ ނުތަނަވަސްކަމާ ނުރައްކާތެރި ކަމަށް ބަލާ އެ އަމުރު ތަންފީޒު ކުރުމުގެ ކުރިން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރަންޖެހޭ. އަދި ހަމަ އެހެންމެ އެ އަމުރަން އަމަލުކޮށްފިނަމަ ދިމާވާނެ ކަންކަމާ ބެހެގޮތުން ވާހަކަ ދެއްކެން ޖެހޭނެ. އަދި އެ އަމުރު އެ އޮތް ގޮތަށް އޮއްވާ އެ އަށް އަމަލުކުރުން އަޅުގަނޑަކަށް ފަސޭހައެއް ނުވާނެ." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ ރާއްޖެ އަކީ މުސްލިމް ގައުމެއް ކަމަށާއި އިސްލާމް ދީނުގައި ވެސް އިސްކުރަނީ މަސްލަހަތު ކަމަށެވެ. "އެހެންކަމުން އަޅުގަނޑު ގަބޫލު ކުރަނީ އަމުރަށް އަމަލު ނުކުރުމަކީ ދީނީ ވާޖިބެއް" ކަމަށެވެ.
"ޤާނޫނީ ވަކީލުން ވެސް ގަބޫލު ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އެއަމުރަކީ އަމަލު ކުރެވޭނެ އަމުރެއް ނޫން ކަން. ނަމަވެސް ހަމައެކަނި ޤާނޫނީ ވަކީލެއްގެ ސެޓްފިކެޓް އޮތް ވަކީލެއް ނަމަ ދަންނަވާނެ ވާހަކައެއް ނެތް." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރަށް ފަހު ފުލުހުންނާއި ސިފައިން އަމަލު ކުރެއްވި ގޮތައް ތައުރީފް ކުރައްވާފައެވެ.
"އަޅުގަނޑު ދިވެހި ފުލުހުންނާއި ސިފައިން އެރޭ އަމުރުގެ ކަންކަމުގައި އަމަލު ކުރެއްވި ގޮތައް ސެލިއުޓް ކުރަން. އެރޭ ފުލުހުން އެދެއްކެވީ ހުއްބުލް ވަތަނުގެ ވަރަށް ރީތި ނަމޫނާއެއް. އެކަމަށް އެފަރާތްތަކަށް އައްސަރިބަސް ދަންނަވަން." ހުސައިން ވަހީދު ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ރައީސް ޔާމީން ވެސް އަމަލު ކުރެއްވީ ވަރަށް ފުރިހަމައަށް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އެހުތޫރަތްތެރި ދަނޑިވަޅުގައި އެގެންގުޅުއްވި ހިކުމަތު އަމަލީއަކީ ހިތްވަރުގަދަ ކަމާއި ގައުމުގެ ސަލާމަތްތެރިކަމަށް އެމަނިކުފާނު ބަހައްޓަވާ ސަމާލުކަން، ހުޝިޔާރުކަން އަދި ގައުމީ ލޯބީގެ އިންތިހާ." ހުސައިން ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ